ދުނިޔެ

"ޗައިނާގެ ބޮލުގައި ތުހުމަތު އަޅުވަން އުޅެނީ ކޮވިޑް-19 ކޮންޓްރޯލް ކުރަން ނޭނގުމުން"

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑް-19 އުފެދުނު ގޮތް ހޯދުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އެމެރިކާގެ އިންޓެލިޖެންސް ކޮމިޓީއަށް އެންގުމުން، އެފަދަ އެންގުމެއް އެންގުމުން ތަހްޤީޤަށް ހުރަސް އެޅޭނެ ކަަމަށް އެމެރިކާގައި ހުންނަ ޗައިނާގެ އެންބަސީއިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޖޯ ބައިޑަން އިއްޔެ ވިދާޅުވެފައި ވަނީ ކޮވިޑް-19 އުފެދިފައި ވަނީ ކިހިނެއް ކަމާ މެދު އެމެރިކާގެ އިންޓެލިޖެންސް ކޮމިޓީގެ މެންބަރުންގެ މެދުގައި ދެބަސްވުންތަކެއް އެބަހުރި ކަމަށެވެ. އަދި މި ތަހްޤީޤް އަވަސްކޮށް، 90 ދުވަހުގެ ތެރޭގައި ރިޕޯޓް ހުށަހެޅުއްވުމަށް ބައިޑަން ވަނީ އަމުރުކޮށްފައެވެ. އެމެރިކާއިން ބުނެފައި ވަނީ ކޮވިޑް-19 ފެތުރެން ފެށުމުގެ ކުރިން 2019 ވަނަ އަހަރު ނޮވެންބަރު މަހުގެ ތެރޭގައި ވޫހާންގެ ލެބޯޓަރީއެއްގައި މަސައްކަތް ކުރަމުން ދިޔަ 3 ޑަކްޓަރަކު ކޮވިޑް-19 ފަދަ އަލާމާތްތަކެއް ހުރެގެން ޑަކްޓަރަށް ދެއްކި ކަމަށް ތަހްޤީޤުން ހާމަވެފައިވާ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ޗައިނާ ގުޅިގެން މާރިޗް މަހުގެ ތެރޭގައި ކުރި ތަހްޤީޤުގެ ރިޕޯޓްގައި ބުނެފައި ވަނީ ކޮވިޑް-19 އުފެދިފައިގެން އައިސްފައި ވަނީ ލެބޯޓަރީގައި ހިނގި އެކްސިޑެންޓަކުން ކަމަށް ނުބެލެވޭ ކަމަށެވެ. އަދި މިއީ ވާލުގެ ޒަރިއްޔާއިން އައި ވައިރަހެއް ކަމަށް ބެލެވޭ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ. މިހާރު އެޖަމިއްޔާއިން ވަނީ މިކަމާ ގުޅޭ ތަހްޤީޤްގެ ދެވަނަ މަރުހަލާއެއް ފަށައިފައެވެ.

އެމެރިކާ އަދި ދުނިޔޭގެ ބޮޑެތި އެހެން ޤައުމުތަކުން، މިވައިރަހަކީ ލެބޯޓަރީއަކުންވި ލީކެއްގެ ސަބަބުން އިންސާނުންގެ ގަޔަށް އަރާފައިވާ ވައިރަހެއް ކަަމަށް ދަނީ ތުހުމަތު ކުރަމުންނެވެ. ކޮވިޑް-19 ވައިރަސް ފުރަތަމަ ފެތުރެން ފަށައިފައި ވަނީ ވޫހާންގެ މާރުކޭޓަކުން ކަމަށް ޗައިނާއިން ބުނެއެވެ. އަދި ލެބޯޓަރީއަކުންވި ލީކެއް ކަަމަށް ބުނާ ވާހަކަ ޗައިނާއިން ވަނީ ތަކުރާރުކޮށް ދޮގުކޮށްފައެވެ.

ޗައިނާއިން ބުނެފައި ވަނީ މިފަދަ ވާހަކަތައް އެމެރިކާ ފަދަ ޤައުމުތަކުން ދައްކަމުން އަންނަނީ އެޤައުމުގެ ސަރުކާރުތަކަށް ކޮވިޑް-19 ކޮންޓްރޯލް ކުރަން ނޭނގުމުން ކަމަށެވެ.

ޗައިނާއިން މިއަދު ބުނެފައި ވަނީ، ތަހްޤީޤަށް ހުރަސް އެޅޭ ގޮތަށް ތަހްޤީޤް އަވަސް ކުރުމަށް ސަރުކާރުން ގޮވައިލުން ބަލައިނުގަނެވޭނެ ކަމަށާއި ތަހްޤީޤަށް ސިޔާސީ ނުފޫޒު ވައްދައި، އިލްޒާމް އެޅުވުން ހުއްޓައިލަން ޖެހޭ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!