އަލިފުށީގައި ކޮވިޑު ފެތުރެނީ، މުޅި ރަށް ބިރުވެރިކަމެއްގެ ތެރޭގައި

ރ. އަލިފުށިން ޖުމުލަ 15 މީހުން ކޮވިޑަށް ފައްސިވެ، ޖަމާޢަތީ ފެތުރުމަކަށް ގޮސްފިއެވެ.
އަލިފުށި ހެލްތު ސެންޓަރުގެ އިންފޮމޭޝަން އޮފިސަރު ހުސައިން ޔޫސުފް "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިވަގުތު ރަށުގައި ޖުމުލަ 15 މީހުން ކޮވިޑަށް ފައްސިވެފައި އެބަތިބި ކަމަށެވެ. އެގޮތުން ފައްސިވެފައި ވަނީ 5 ދިވެހިންނާއި 10 ބިދޭސީންނެވެ.
ހުސައިިން އިތުރަށް ވިދާޅުވީ، ރަށުގައި ޖުމުލަ 82 މީހަކު ކަރަންޓީނު ކުރެވިފައިވާއިރު، 28 ގެއެއް މޮނިޓަރިންއަށް ލެވިފައިވާ ކަމަށެވެ. އަދި މި މަހު 28ގައި ނެގި 12 ސާމްޕަލްއެއްގެ ނަތީޖާ ނުލިބޭ ކަމުގައި ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. ފައްސިވެފައިވާ ކޭސްތަކާ ގުޅިގެން އެ ރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
ރ. އަލިފުށިން އެންމެ ފުރަތަމަ ކޮވިޑްގެ ކޭހެއް ފެނުނު ހިސާބުން ރަށަށް އަރައިފޭބުން މަނާ ކުރެވި ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ލެވިފައެވެ. އަދި ޓާސްކް ފޯހާއި، ސިއްހީ މަރުކަޒުގެ އިތުރުން ރަށު ކައުންސިލުން ގުޅިގެން އަންނަނީ ރަށުގައި ކޮވިޑްގެ ކޭސްތައް އިތުރުވިޔަ ނުދިނުމަށް ޓަކައި މަސައްކަތް ކުރަމުންނެވެ.