ޚަބަރު

"އިންޑިއާއަށް ވެކްސިން ފޯރުކޮށް ނުދެވުމުން އިތުރު އެހެން ގޮތެއް ހޯދުމަށް ނިންމިން"

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

ސިރަމްސް އިންސްޓިޓިއުޓް އޮފް އިންޑިއާއާއެކު ރާއްޖެއިން ހެދި އެގްރީމެންޓްގެ ތެެރެއިން ރާއްޖެއަށް އިން ގަތް ވެކްސިންގެ ޑޯޒްތައް ނުލިބޭތީ، އިތުރު ގޮތެއް ހޯދައިފައިވާ ކަަމަށް މިނިސްޓަރ އޮފް ހެލްތު އަހްމަދު ނަސީމް ވިދާޅުވެއްޖެވެ.

Ads by Hajj Corporation

އިންޑިއާގެ ނޫހެއް ކަމަށްވާ "ޓައިމްސް އޮފް އިންޑިއާ" އަށް ދެއްވި އިންޓަރވިއުއެއްގައި ނަސީމް ވިދާޅުވީ، އިންޑިއާއިން އުފައްދައިފައިވާ ކޮވިޝީލްޑް ވެކްސިން ނުޖަހައި 109,737 މީހުން ރާއްޖޭގައި އެބަ ތިބި ކަމަށާއި އިންޑިއާއިން ވެކްސިން ބޭރު ކުރުން ހުއްޓައިލުމުން އެކަމުގެ ގެއްލުން ރާއްޖޭގެ ވެކްސިން ޕްރޮގްރާމަށް ލިބުނު ކަމަށެވެ.

"އިންޑިއާގެ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ރާއްޖެއިން 228,653 މީހުން ޖެހި. އެހެން ނަމަވެސް 117,342 މީހުން ދެވަނަ ޑޯޒް ޖެހި އިރަށް ވެކްސިންގެ ސްޓޮކްވަނީ ހުސްވެފައި. ބައެއް މީހުން ދެވަނަ ޑޯޒް ޖަހަން ޖެހޭ 12 ހަފްތާގެ ވިންޑޯ ވެސް މިހާރު ވަނީ ފަހަނަ އަޅާ ގޮސްފައި" ނަސީމް ވިދާޅުވިއެވެ.

ނަސީމް އިތުރަށް ވިދާޅުވެފައި ވަނީ މިމައްސަލަ ހައްލު ކުރުމަށް އެސްޓްރާޒެނިކާގެ ވެކްސިން ގަނެފައިވާ ކަމަށާއި ކޮވިޝީލްޑް ޖަހައިފައި ތިބި މީހުންނަށް މިވެކްސިން ޖެހޭނެ ކަމަށެވެ.

އިންޑިއާގައި ކުއްލި އަކަށް ކޮވިޑް-19 ކޭސްތައް އިތުރުވުމާ ގުޅިގެން "އިންޑިއާ ފުރަތަމަ" ސިޔާސަތުގެ ދަށުން އެ ޤައުމުން ވެކްސިން ބޭރުކުރުން ވަނީ ހުއްޓައިލާފައެވެ.

ޗައިނާއިން ވެކްސިން ގަތުމުގެ ޚިޔާލެއް ހުރިތޯ އިންޑިއާގެ ނޫހުން ސުވާލު ކުރުމުން، ނަސީމް ވިދާޅުވީ އެފަދަ ވިސްނުމެއް ނެތް ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް އާބާދީގެ 70 އިންސައްތައަށް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައި ވެއެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް 37 އިންސައްތަ މީހުން ވަނީ ޖަހައިފައެވެ. ރާއްޖޭގައި ވެކްސިން ލިބުމުގެ ދަތިކަން ކުރިމަތިވެ، ވެކްސިންގެ ދެ ޑޯޒް ދެމެދުގައި 18 ހަފްތާ ހޭދަ ކުރުމަށް އޮންނަ ސާކިއުލާ ވަނީ ބަދަލުކޮށްފައެވެ.

Ads by HDC
  1. ގަމު މީހާ

    18ހަފުތާ 36ހަފުތާ އައް ނުވެއްޖެޔާ ރަނގަޅު، މިވާގޮތުން ވެކްސިނާމެދު ސައްކު އުފެދެން ފަށައިފި، 12 އިން 16 އައް މިހާރު އެވީ 18 އައް. އަޖައިބު އިނގޭ