ކުޅިވަރު

ރާއްޖެއާއި ސީރިއާ ބައްދަލު ކުރާ މެޗު މިރޭ، ދުނިޔެ ހައިރާން ކޮށްލާފަދަ ނަތީޖާއެއް ނެރެވިދާނެ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ވޯލްޑްކަޕް އަދި އޭޝިއަންކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖޭގެ ގައުމީ ޓީމާއި ސީރިއާ ބައްދަލު ކުރާ މެޗު މިރޭ ކުޅޭނެއެވެ.

Ads by STELCO

ޔޫއޭއީގައި ކުޅޭ މި މެޗު ފެށޭނީ ރާއްޖެ ގަޑިން ރޭގަނޑު 09:00ގައެވެ. މިއީ ނެދަރލޭންޑަށް ނިސްބަތްވާ މާޓިން ކޫޕްމަން ރާއްޖޭގެ ގައުމީޓީމުގެ ކޯޗުކަމުގެ މަގާމަށް އައްޔަން ކުރެވުނު ފަހުން ކުޅެވޭ ފުރަތަމަ މެޗެވެ. އޭނާ ކޯޗުކަމަށް އައްޔަން ކުރެވުނީ ނިމިދިޔަ 2020ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ.

މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޫޕްމަން ބުނީ ކުރިއަށް ވާދަކުރަން އޮތް ތިން ޓީމު ތެރެއިން ކޮންމެ ޓީމަކާ ކުޅެން ޖެހުނަަސް މި ވަގުތަށް ބަލާއިރު ތައްޔާރު ވާން ޖެހިފައި އޮތީ ކުރީ މެޗުތަކުގެ ވީޑިއޯއަށް ބަލައިގެން ކަމަށެވެ. ނަމަވެސް ވީޑީއޯތަކަށް މާބޮޑަށް ސަމާލުކަން ނުދިނުމަށް އޭނާ ކުޅުންތެރިން ގާތުގައި ބުނި ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އޭނާ ކަރުދާހުގައި ޕްލޭން ހަދައި ޕްރެކްޓިސްގައި ތައްޔާރީތަކަށް މަސައްކަތް ކުރާނެ ކަމަށާއި މަސައްކަތް ކުރަންވީ ރަނގަޅު ފުޓުބޯޅައެއް ކުޅެގެން ދަނޑުމަތީގައި ތަފާތެއް ދައްކަން ކަމުގައި ވެސް އޭނާ ފާހަގަ ކުރިއެވެ.

ކޫޕްްމަންއާ ހަވާލުވެފައިވާ މައިގަނޑު ޓާސްކަކީ ރާއްޖޭގެ ޓީމު އޭޝިއަން ކަޕަށް ކޮލިފައި ކޮށްދިނުމެވެ. އޭނާއަށް މި ޓާސްކު ފުރިހަމަ ކުރުމަށް ކުރިއަށް އޮތީ ތިން މެޗެވެ، އެ ތިން މެޗުގައި ރާއްޖެ ނުކުންނާނީ ސީރިއާ، ޗައިނާ އަދި ފިލިޕީންސްއާ ދެކޮޅަށެވެ.

ރާއްޖެ ހިމެނޭ ގުރޫޕް އޭގެ އެއްވަނައިގައި އޮތް ޓީމަކީ މިރޭ ރާއްޖެއާ ދެކޮޅަށް ވާދަކުރާ ސީރިއާގެ ޓީމެވެ، އެ ޓީމު އެއްވަނައިގައި އޮތީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ޗައިނާ އޮތީ 10 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި ފިލިޕީންސް 07 ޕޮއިންޓާއެކު އޮތްއިރު ހަތަރުވަނައިގައި އޮތީ ރާއްޖެއެވެ. ރާއްޖެއަށް ހަ ޕޮއިންޓް ލިބިފައިވާއިރު ފުލުގައި އޮތް ގުއާމަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ކޫޕްމަން ބުނީ ސީރިއާ އެއްވަނަ މަގާމުގައި އެ އޮތީ އެއީ އެއްވަނަ ޓީމުކަމަށް ވާތީ ކަމަށެވެ. އަދި އެއީ އެ ޓީމަށް ހައްގު މަގާމަކަށް ވާތީ ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ ޓީމުން ވެސް ތަފާތު ދައްކަން މަސައްްކަތް ކުރާނެ ކަމަށެވެ.

" އަަހަރެމެން މަސައްކަތް ކުރާނަން، އެއްވަރު ވެސް ކުރެވިދާނެ، މޮޅު ވެސް ވެވިދާނެ، ފަހަރެއްގައި އަހަރެމެންނަށް ދުނިޔެ ހައިރާން ކޮށްލާފަދަ ނަތީޖާއެއް ވެސް ނެރެވިދާނެ، އޮތީ މަސައްކަތް ކުރުން" ރާއްޖޭގެ ޓީމާއެކު އޭނާ ނުކުންނަ ފުރަތަމަ މެޗުގެ ކުރިން ނޫސްވެރިންނާ ބައްދަލުކޮށް ކޫޕްމަން ބުންޏެވެ.

ރާއްޖެއާއި ސީރިއާ ފުރަތަމަ ބައްދަލު ކުރި މެޗުން ސީރިއާ މޮޅުވީ 1-2 އިންނެވެ. ރާއްޖެ މޮޅުވެފައި ވަނީ ދެ މެޗުންނެވެ. އެއީ ޓޭބަލުގެ ފުލުގައި އޮތް ގުއާމާ ދެކޮޅަށް ކުޅުނު ދެ މެޗެވެ. ކުރިއަށް ވާދަކުރަން އޮތް ތިން ޓީމު، ޗައިނާ، ސީރިއާ އަދި ފިލިޕީންސް އާ ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ވީ ބައްޔެވެ.

ރާއްޖެއާއި ސީރިއާ ކުޅުނު ފުރަތަމަ މެޗުގައި ރާއްޖޭގެ ގޯލު ކާމިޔާބު ކުރި ކުޅުންތެރިޔާ އަދި ރާއްޖޭގެ ގައުމީ ޓީމުގެ އެންމެ މުހިންމު އަދި ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ކޮވިޑަށް ފައްސިވެފައި ވާތީ މިރޭގެ މެޗު އޭނާއަކަށް ނުކުޅެވޭނެއެވެ.

މިރޭޭގެ މެޗު ޕީއެސްއެމުން ވަގުތުން ދައްކާނެއެވެ.

Ads by Ooredoo
  1. ނަސީމް

    މައްސލަޔަކީީ ތިހެން މަކުރިންް ފޮންނިކަނޑާތީ ސީރިޔާއަކީވެސް ވަރަށް ވަރުގަދަ ޓީމެއް ފިޒިކަލީ ފުޓްބޯޅަ ކުޅުމުގެ ޤާބިލްކަމެއް ނެތް ބަލަންވާ ހތްވަރުކޮށްގެން މޮޅުވޭތޯ ދުނިޔެހައިރާންް ކޮއްލާވަރުގެ ނަތީޖާއެއް ސީރިޔާއިންވެސް ނެރެފާނެ!

  2. ގަމު މީހާ

    ދުނިޔެ ހައިރާންވެ އަނގައިން ސޮނި ފޭބުން ނުހުއްޓިގެން އެތައްބަޔަކު އެބައުޅެޔޯ..