ކޮވިޑް-19: ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ މާލެ ސަރަހައްދުން މިއަދު ފައްސިވީ 239 މީހުން
ރާއްޖެއިން މިއަދު އިތުރު 412 މީހުން ކޮވިޑް-19އަށް ފައްސި ވެެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭގެ ހިސާބުތަކުން ދައްކައި ގޮތުގައި މިއަދު މާލެއިން ފައްސިވީ 239 މީހުންނެވެ. އަތޮޅުތެރެއިން މި ބައްޔަށް ފައްސިވީ 162 މީހުންނެވެ. އަދި ހިންގަމުން އަންނަ ރިސޯޓުތަކުން ފައްސިވީ 11 މީހުންނެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 67،950 މީހުންނެވެ.
ބަލިން ފަސޭހަވެފައި ވަނީ 48،086 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައި ވަނީ 185 މީހުންނެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 166 މީހުންނެވެ.
މި ފަހަކަށް އައިސް ކޮވިޑް-19 އަށް ރާއްޖެއިން ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަދި މި ބަލީގައި ރާއްޖެ އިން ނިޔާވާ މީހުންގެ އަދަދު ވެސް އިތުރެވެ.
ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި އެޗްޕީއޭއިން މިހާރު ވަނީ ކުރިން އެޅި ބައެއް ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން މާލެ ސަރަޙައްދުގައި ހަވީރު 4:00އިން އަނެއް ދުވަހުގެ ހެނދުނު 8:00އަށް ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. އަދި ކާފިއު ނޫން ގަޑިތަކުގައި ވެސް ގެއިން ބޭރަށް ނުކުމެވެނީ ބޭރަށް ނުކުތުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަށް އެކަންޏެވެ.