ކޮވިޑް-19: މިއަދު ރާއްޖެއިން ފައްސިވީ އިތުރު 552 މީހުން
ރާއްޖެއިން މިއަދު އިތުރު 552 މީހުން ކޮވިޑް-19 އަށް ފައްސި ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭ ގެ ހިސާބުތަކުން ދައްކައި ގޮތުގައި މިއަދު މާލެއިން ފައްސިވީ 271 މީހުންނެވެ. އަތޮޅުތެރެއިން މި ބައްޔަށް ފައްސިވީ 249 މީހުންނެވެ. އަދި ހިންގަމުން އަންނަ ރިސޯޓުތަކުން ފައްސިވީ 31 މީހުންނެވެ.
މީގެއިތުރުން ތަރައްޤީ ކުރަމުން އަންނަ ރަށްތަކަކުން އެކަކު ކޮވިޑް-19އަށް މިއަދު ފައްސި ވެފައިވެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 68،502 މީހުންނެވެ.
ބަލިން ފަސޭހަވެފައިވަނީ 49،844 މީހުންނެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައި ވަނީ 188 މީހުންނެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުން ދަނީ 164 މީހުންނެވެ.
މި ފަހަކަށް އައިސް ކޮވިޑް-19 އަށް ރާއްޖެއިން ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަދި މި ބަލީގައި ރާއްޖެ އިން ނިޔާވާ މީހުންގެ އަދަދު ވެސް އިތުރެވެ.
ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި އެޗްޕީއޭ އިން މިހާރު ވަނީ ކުރިން އެޅި ބައެއް ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން މާލެ ސަރަޙައްދުގައި ހަވީރު 4:00 އިން އަނެއް ދުވަހުގެ ހެނދުނު 8:00 އަށް ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. އަދި ކާފިއު ނޫން ގަޑިތަކުގައި ވެސް ގެއިން ބޭރަށް ނުކުމެވެނީ ބޭރަށް ނުކުތުމުގެ ހުއްދަ ދީފައިވާ ފަރާތްތަކަށް އެކަންޏެވެ.