ޚަބަރު

އަލީ ވަހީދުގެ މައްޗަށް އުފުލި ޖިންސީ ކުށުގެ އަޑުއެހުން ކެންސަލްކޮށްފި

ރައުފާ ރަޝީދު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ކުށުގެ، ޖިނާއީ ދައުވާތަކުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލަައިފައިވާ ޖިންސީ ކުށުގެ، ޖިނާއީ ދައުވާތަކުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ވިދާޅުވި ނަމަވެސް އަޑުއެހުން ކެންސަލް ކުރީ ކީއްވެގެން ކަމެއް އެ އޮފީހަކުން ހާމައެއް ނުކުރައްވައެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު ވަކި ކުރީ އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައެވެ. ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި ހަ ދައުވާއެއް އަލީ ވަހީދުގެ މައްޗަށް އުފުލައިފައި ވެއެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލައިފައިވާ ދައުވާތަކުގެ ތެރޭގައި ޖިންސީ އަނިޔާ ކުރުމުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާވެސް ހިމެނެއެވެ. އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާއެއް ވެސް އަލީ ވަހީދުގެ މައްޗަށް ވަނީ އުފުލައިފައެވެ.

އަލީ ވަހީދުގެ ޝަރީއަތް ކެންސަލްކުރި އިރު އޭނާ ހުންނެވީ ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ދިން ހުއްދައެއްގެ ދަށުން ބޭރުގައެވެ.