ވެކްސިން ނުޖަހާ މީހުންނަށް އޮތް އަދަބަކީ ފޯން ނަމްބަރު ބްލޮކް ކޮށްލުން!

ކޮވިޑް19އިން ރައްކާތެރިވުމުގެ ވެކްސިން ނުޖަހާ މީހުންގެ މޯބައިލް ފޯންގެ ސިމްކާޑް ބްލޮކް ކުރުމަށް ޕާކިސްތާންގެ ޕަންޖާބު ޕްރޮވިންސްގެ ސަރުކާރުން ނިންމައިފިއެވެ.
މިއީ ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން އެ ޕްރޮވިންސްގެ ހެލްތު މިނިސްޓްރީން ކަނޑައަޅައިފައިވާ އުސޫލުތަކުގެ ތެރެއިން އެއް އުސޫލެވެ. ހެލްތު މިނިސްޓްރީން މިގޮތަށް ކަނޑައެޅި ނަމަވެސް މިކަމަށް އަމަލު ކުރަން ފެށޭނީ ޗީފް މިނިސްޓަރާއި ގަވަރުނަރު ހުއްދަ ދިނުމުންނެވެ.
ޕަންޖާބު ޕްރޮވިންސުން ވަނީ ވެކްސިން ދިނުން ފުޅާ ކުރުމުގެ ގޮތުން މޯބައިލް ސެންޓަރުތަކެއް ވެސް ގާއިމު ކޮށްފައެވެ. މިކަމުގެ ސަބަބުން ވެކްސިން ލިބިގަތުމުގައި ދަތުރުވެރީންނަށް ފަސޭހަ ވާނެ ކަމަށް ޕްރޮވިންސް ސަރުކާރުން ދެކެއެވެ. މީގެ އިތުރުން 20 އިންސައްތަ މީހުން ވެކްސިން ފުރިހަމަކުރާ ޑިސްޓްރިކްޓްތަކުގެ ވިޔަފާރިތައް އަލުން ފަށާން ހުއްދަ ދިނުމަށް ވެސް އެ ޕްރޮވިންސުން ވަނީ ނިންމައިފައެވެ.
ކޮވިޑްގެ ދެވަނަ ރާޅެއް ތަޖުރިބާކުރި ޕާކިސްތާނުގައި ކޮވިޑްގެ ހާލަތު މިހާރު ދަނީ ރަނގަޅުވަމުންނެވެ. އެގައުމުން އިއްޔެ 40 ހާހަށް ވުރެ ގިނަ މީހުން ޓެސްޓްކުރިއިރު ފައްސިވީ 1303 މީހުންނެވެ. ނަމަވެސް 210 މިލިއަނެއްހާ މީހުންގެ އާބާދީ އޮންނަ ޕާކިސްތާނުގައި އަދި ޖަހައިފައި ވަނީ 10 މިލިއަން ޑޯޒް ވެކްސިނެވެ.