މަނާ ވަގުތުގައި ބޭރުގައި އުޅުނު މީހުންގެ އަދަދު 80،000އިން މައްޗަށް
ކޮވިޑް-19އިން ރައްކާތެރިވުމަށްޓަކައި މާލެ ސަރަހައްދުގައި އަޅައިފައިވާ ފިޔަވަޅުތަކާ ޚިލާފުވެގެން މިހާތަނަށް 80،000އަށް ވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މަބްރޫކް ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް އަޅައިފައިވާ ފިޔަވަޅުތަކާ ޚިލާފަށް ފާއިތުވެދިޔަ 24 ގަޑިއިރުތެރޭގައި ހާހަކަށް ވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފައިވާކަމަށެވެ. އެގޮތުން މާސްކު ނާޅައިގެން 267 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ. އަދި ކާފިއުގެ ވަގުތުތަކުގައި ހުއްދަ ނެތި ބޭރުގައި އުޅުނު 603 މީހަކާއި މަނާ ވަގުތުތަކުގައި ވެހިކަލް ދުއްވި 147 މީހަކު ޖޫރިމަނާ ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ކޮވިޑު ފެތުރޭ މިންވަރު ދަށް ކުރުމަށް އެޗްޕީއޭއިން އެކުލަވައިލައިފައިވާ އުޞޫލްތަކާ އެއްގޮތަށް ފިހާރަ، ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަން ހިންގާތޯ ބެލުމަށް ކުރިއަށް ގެންދާ އިންސްޕެކްޝަންގައި ޖުމްލަ 21 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށާއި އެ ތަންތަން ހިންގަމުން އަންނަނީ ގަވާއިދާ އެއްގޮތަށް ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މަގުމަތީގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރެވެ. އަދި މެއި މަހުގެ ތެރޭގައި ބަލި ފެތުރޭ މިންވަރު އިތުރުވުމުން މާލެ ސަރަހައްދުގައި ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ. އަދި މާސްކް ނާޅައި އުޅުމާއި ކާފިއުގެ ވަގުތުތަކުގައި ބޭރުގައި އުޅޭނަމަ 1،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.
މީގެ އިތުރުން ގަވައިދާ ޚިލާފަށް ފިހާރަތަކަށް ވަނުމާއި ރެސްޓޯރެންޓު ފަދަ ތަންތަނުގައި ތިބޭ ނަމަ 5000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.