55 އަހަރުގެ މީހާގެ މަރަކީ ކޮވިޑްގެ މަރެއް ނޫންކަމަށް ނިންމައިފި

މިއަދު ހެނދުނު ނިޔާވި އުމުރުން 55 އަހަރުގެ އަންހެނަކު ނިޔާވީ ކޮވިޑް-19 ބަލީގައި ނޫން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅައިފިއެވެ.
އެޗްޕީއޭއިން މީގެ އިރުކޮޅެއް ކުރިން ބުނީ މިއަދު ކޮވިޑް ޖެހިގެން ނިޔާވި ކަމަށް ބުނެފައިވާ 55 އަހަރުގެ އަންހެން މީހާގެ މަރާ ބެހޭ އިތުރު އެސެސްމަންޓްތަކެއް ހަދާފައިވާ ކަމަށާއި އޭނާ ނިޔާވި ސީދާ ސަބަބަކީ ކޮވިޑް ނޫން ކަމަށް ވާތީ، އޭނާ ނިޔާވީ ކޮވިޑްގައި ނޫން ކަމަށް ނިންމައިފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާގެ ޖަނާޒާގެ ކަންކަން ވެސް ކުރިއަށް ގެންދިޔައީ އާ ސަހަރާގައެވެ. ކޮވިޑްގައި ނިޔާވި މީހުންގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންގޮސް، ވަޅުލަނީ ހުޅުމާލޭ ސަހަރާގައެވެ.
އެޗްޕީއޭއިން މިއަދު ބުނެފައި ވަނީ އެ މީހާ ނިޔާވީ ކޮވިޑް-19އަށް ފައްސިވެ ހާލު ދެރަވާ މީހުންނަށް ފަރުވާ ދެމުންދާ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ކަމަށެވެ.
އެ މީހާ އޭނާ ނިޔާވީ ކޮވިޑް ޖެހިގެން ކަމަށް އެޗްޕީއޭއިން އިއުލާން ކުރުމާ ގުޅިގެން އާއިލާއިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަމާ ގުޅޭ މެސެޖުތައް ވެސް ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވެއެވެ.
އޭނާއަކީ ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި 198 ވަނަ މީހާ ކަމަށް ކުރިން އެޗްޕީއޭ އިން އިއުލާން ކުރުމަށްފަހު، އޭނާ ނިޔާވީ ކޮވިޑްގައި ނޫން ކަމަށް މިހާރު ވަނީ ނިންމާފައެވެ.