އިންޑިއާގައި ކޮވިޑް ޖެހިގެން މަރުވި ކަމަށް ބުނާ މީހެއްގެ ހަށިގަނޑު ކޮނެގެން ނަގަން ޖެހިއްޖެ
ކޮވިޑް ބަލީގައި މަރުވި ކަމަށް އާއިލާއިން ނިންމި އިންޑިއާ މީހެއްގެ ވަޅުލައިފައިވާ ހަށިގަނޑު ނަގައިފިއެވެ.
މި ހާދިސާ ހިނގައިފައި ވަނީ އިންޑިއާގެ މީރޫތުގައެވެ.
އިންޑިއާގެ މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުގައި 27 އަހަރުގެ ސައިނާ މަރުވެފައި ވަނީ ކައިވެނި ކުރިތާ 13 ދުވަސް ފަހުން މިދިޔަ މަހުގެ 31 ވަނަ ދުވަހުގައެވެ. އޭނާ މަރުވީ ބަނޑަށް ތަދުވެ އުޅުމަށް ފަހުގައި ކަމަށާއި އާއިލާއިން މައުލޫމާތު ދޭ ގޮތުގައި އޭނާގެ މަރުވީ ކޮވިޑް ބަލީގައި ކަމަށް މީޑިއާތައް ރިޕޯޓް ކުރެއެވެ.
ނަމަވެސް ސައިނާގެ އާއިލާގެ ނުގަބުލޫގައި ކައިވެނި ކުރި ފިރިމީހާ ފުލުހަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ސައިނާގެ ހަށިގަނޑު ވަނީ ކޮނެގެން ނަގައިފައެވެ. އަދި ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
30 އަހަރުގެ ފިރިމީހާ ފަރުމާން ފުލުހަށް ހުށަހަޅައިފައިވާ މައްސަލައިގައި ބުނެފައި ވަނީ ސައިނާ ކައިވެނި ކުރީ އާއިލާގެ ނުގަބޫލުގައި ކަމަށްވުމާ އެކު އެ އާއިލާއިން ސައިނާ މަރައިލީ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. ފަރުމާން ވަނީ އެކަމަށް ބާރު ލިބޭ އޯޑިއޯއެއް ވެސް ފުލުހަށް ހުށަހަޅައިފައެވެ. ފުލުހުން ދަނީ އެ އޯޑިއޯގެ ޞައްޙަކަން ކަށަވަރު ކުރަމުންނެވެ. ފަރުމާން ވަނީ ސައިނާ އާއިލާގެ ހަ މީހެއްގެ މައްޗަށް ތުހުމަތު އުފުލައިފައެވެ.
މީރޫތު ފުލުހުން ބުނެފައި ވަނީ ޕޯސްޓްމޯޓަމް ރިޕޯޓް ލިބުމުން އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.