ޚަބަރު

އައްޑޫން އިތުރު 20 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން
އައްޑު ސިޓީ.. ފޮޓޯ/ވަގުތު އޮންލައިން

އައްޑޫން އިތުރު 20 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

Ads by MWSC
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖުމްލަ 292 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެނީ އެކަކަށެވެ. އައްޑޫން މި ބަލީގައި 2 މީހަކު ވަނީ ނިޔާވެފައެވެ. އެ ސިޓީން މިހާތަނަށް ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 367 އަރައިފައެވެ.

އައްޑޫ ސިޓީން މިހާތަނަށް ޖުމްލަ 7،293 ސުންކު ވަނީ ނަގައިފައެވެ. އަދި ސީދާކޮށް އެއްތާވި މީހުންގެ ގޮތުގައި 417 މީހުން މިހައިތަނަށް ވަނީ ފާހަގަ ކުރެވިފައެވެ. އިއްޔެ އެ ސިޓީން ނެގުނު ސުންކުތަކުގެ އަދަދަކީ 308 އެވެ.

އައްޑޫ ސިޓީގައި ކޮވިޑު-19 ފެތުރޭތީ ސިޓީ ކައުންސިލް ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފައެވެ. މިގޮތުން ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00އަށް ކާފިއު ހިންގަމުން ދާއިރު އެ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއް ނެތި ދަތުރުކުރުން ވެސް ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް އަންގައި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާގައި އެއްވެއުޅުން ހުއްޓައިލުމާއި، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރަން ވެސް ވަނީ އަންގައިފައެވެ.

ރާއްޖޭގައި މިފަހަކަށް އައިސް ކޮވިޑް-19އަށް ފައްސިވަމުން އަންނަ އަދަދުތައް ގިނަވަމުން ދިޔުމާ އެކު ފިޔަވަޅުތައް ވެސް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. ފިޔަވަޅުތަކާ އެކު މިހާރު ފައްސިވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ މަދުވަމުންނެވެ. އެގޮތުން އިއްޔެ ވެސް އިތުރު 224 މީހުން ރާއްޖެއިން ކޮވިޑް-19އަށް ފައްސި ވެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!