ހެލްތު ސާވިސްގެ ޑިރެކްޓަރ ޖެނެރަލްއަށް މީހަކު ހޯދަނީ ، އުޖޫރައަކީ 70 ހާސް ރުފިޔާ
ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމަށް މީހަކު ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނުން އިއުލާނު ކޮށްފި އެވެ.
އެ ކޮމިޝަނުން އިއުލާންކޮށްފައިވާ ގޮތުގައި މި މަގާމުގެ މުސާރައަކީ މަހަކު 54،430ރުފިޔާ ކަމަށެވެ. މީގެ އިތުރުން ސާވިސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް 530ރުފިޔާ ދޭނެ ކަމަށާއި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސް ފަރުވާގެ ޚިދުމަތާއި، ފެންޝަން ކޮންޓްރިބިއުޝަން ވެސް ލިބޭނެ ކަމަށް އިއުލާންގައި ވެއެވެ.
މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ސިއްޙީ ދާއިރާ ތަރައްޤީކޮށް ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމަށާއި، ދާއިރާއަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ފަހިކޮށްދިނުމަށާއި އެކިއެކި ޕްލޭންތަކާއި ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް އެކުލަވައިލުމަށާއި، ބޭނުންވާ ފަންނީ ވިސްނުން މިނިސްޓަރއަށް ހިއްސާކޮށް އިރުޝާދު ދިނުމެވެ.
އަދި ސިއްޙީ ދާއިރާއިން ތަންފީޒުކުރަމުންދާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި ދާއިރާއިން ބައިވެރިވާ އެހެނިހެން ބައިނަލް އަޤްވާމީ އެއްބަސްވުންތައް ތަންފީޒުކުރުމުގައި ފަންނީ އަދި ޓެކްނިކަލް ގޮތުން ބޭނުންވާ ކަންކަން ދެނެގަނެ، އެ ކަންކަން މިނިސްޓަރަށާއި ޕޮލިސީ ނިންމުމުގައި ޝާމިލްވާ އޮފިޝަލުންގެ ސަމާލުކަމަށް ގެނައުމާއެކު، އެ ކަންކަމާ ގުޅުން ހުރި ތަންފީޒީ ހަރަކާތްތައް ވިލަރެސް ކުރުމާއި ޢަމަލީގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް މުރާޖަޢާކުރަމުން ގެންދިޔުމެވެ.
އެ ކޮމިޝަނުން ބުނާ ގޮތުގައި މި މަގާމަށް އައްޔަން ކުރާނީ، ރާއްޖޭގެ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވާ މީހެކެވެ. އަދި އޭނާ ވާން ޖެހޭނީ އެ ކައުންސިލުން ގަބޫލުކުރާ ޓީޗިން ހޮސްޕިޓަލެއްގައި އެއް އަހަރު ދުވަހުގެ އިންޓާންޝިޕް ފުރިހަމަ ކޮށްފައިވާ، އެ ކައުންސިލުގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ އޮންނަ މީހަކަށެވެ.
އަދި އެ މީހަކީ ސިއްހީ ދާއިރާގެ ހިންގުމުގެ މަސައްކަތުގައި މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ލިބިފައިވާ، ސިއްހީ ދާއިރާއިން އަށް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭ ކަމަށް މި މަގާމުގެ ޝަތުރުތަކުގައި ކަނޑައަޅާފައިވެއެވެ.
މި މަގާމަށް ޝަރުތުހަމަވާ ފަރާތްތައް މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި 2021 ޖޫން 23 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން، [email protected] އީމެއިލްއަށް ހުށަހެޅުމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ތިކަމަށް އެންމެެ ގާބިލު މީހުންް ތިބޭނީ އިންޑިއާގަަ