ބޮލީވުޑް

ބޮލީވުޑް ސްކްރީން: މޯނީ ރޯއީ ކައިވެނި އަދި ސަލްމާންގެ އައު ތަޖުރިބާ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މުނިފޫހިފިލުވުމުގެ ދާއިރާއަށް ބަލާއިރު، ގިނަ މީހުން އެންމެ ބޮޑަށް އަބަދުވެސް އެނގެން ބޭނުންވާ ވާހަކަތަކަކީ ބޮލީވުޑްގެ އެކިއެކި ފަންނާނުންގެ ވާހަކަތަކެވެ.

Ads by MWSC

އެގޮތުން ބޮލީވުޑްގެ އެންމެ ފަހުގެ ޚަބަރުތައް ކުރުކޮށް ފޮނިކޮށް ބުނާ ނަމަ، ދުވަސްގަނޑަކަށް ފަހު މަޝްހޫރު އެކްޓްރެސް މޯނީ ރޯއީ މިވަނީ ޚަބަރުތަކުގެ ސުރުޙީތަކަށް އަރައިފައެވެ.

އަލަތު ކައިވެންޏަށް ތައްޔާރުވެފައިވާ މޯނީ ރޯއީގެ ދުވަސްތައް ދުބާއީގައި

އަލަތު ކައިވެންޏަކަށް ތައްޔާރުވަމުން ދާ މޯނީ މިދުވަސްކޮޅު ގިނަ ވަގުތު ހޭދަ ކުރަނީ ދުބާއީގައެވެ. އެނގިފައިވާ ގޮތުގައި މޯނީގެ ހަޔާތުގެ ބައިވެރިއަކަށް ހަދަން އުޅެނީ ވެސް ދުބާއީ ގައި ދިރިއުޅޭ މީހެކެވެ. އެހެންކަމުން "ނާގިން" ގައި ފަރި ހަރަކާތްތަކެއް ދައްކުވައި ދިން މޯނީގެ ކައިވެނި ވެސް އެ ޤައުމުގައި ބޭއްވުން އެކަށީގެންވެއެވެ.

ސަލްމާން ޚާން މުޅިން އާ ތަޖުރިބާއަކަށް ތައްޔާރު ވަނީ!

ބޮލީވުޑްގެ ވާހަކަތަށް ދައްކާ އިރު ސުޕާސްޓާ ސަލްމާން ޚާންގެ ޚަބަރެއް ނާރާ ދިޔުމަކީ ވަރަށް ނާދިރު ކަމެކެވެ. ލޯބީގެ ރޯލުތަކުން ކުރިން ގިނައިން ފެނުނު ސަލްމާން، ތަފާތު ރޯލުތަކަކުން ފެނުމަށް ފަހު މިހާރު ތައްޔާރު ވަނީ މުޅިން އާ ތަޖުރިބާއެއް ކޮށްލާށެވެ. އެނގިފައިވާ ގޮތުގައި ސަލްމާން ޚާނާއި ކެޓްރީނާގެ "ޓައިގާ 3" ގެ މަސައްކަތަށް ފަހު ދެން ސަލްމާން ޚާން ކުޅޭނީ ރާޖް ކުމާރް ގުޕްތާ ހަދާ ބަޔޯޕިކްއެކެވެ. މިއީ ސަލްމާން ޚާންގެ ފުރަތަމަ ބަޔޯޕިކް ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

ސޯނޫ ސޫދު މިފަހަރު އަގުބޮޑު ހަދިޔާއެއް ދިނީ ދަރިފުޅު އިޝާންއަށް

އެކްޓަރު ސޯނޫ ސޫދް، ފާއިތުވީ ދެ އަހަރެއްހާ ދުވަސް ތެރޭ ފާހަގަ ވެގެން ގޮސްފައި ވަނީ ވަރަށް ވެސް ދީލަތި އަދި މީހުންނަށް އެހީތެރިވާ މީހެއްގެ ގޮތުގައެވެ. ކޮވިޑް-19ގެ ބަލި ހާލަތާ ގުޅިގެން އެތައް ބަޔަކަށް ކާބޯތަކެއްޗާ އެ ނޫން ވެސް އެހީވުމަށް ފަހު، ސޯނޫ ސޫދް މިވަނީ އޭނަގެ ދަރިފުޅު އިޝާންއަށް 3 ކްރޯޑް ރުޕީސްގެ އަގުހުރި މާރސިޑީސް ކާރެއް ހަދިޔާ ކޮށްފައެވެ.

ކާފައަށް 93 އަހަރު ފުރުން އާލިއާ ބަޓް އުފަލާ އެކު ފާހަގަކޮށްފި

ބޮލީވުޑް ތަރިންގެ ވާހަކަ ދައްކާ އިރު އާލިއާ ބަޓްއާ ބެހޭގޮތުން ޚަބަރެއް ނުދިނުން އިންސާފުވެރިއެއް ނުވާނެއެވެ. ޚާއްސަކޮށް އޭނާއަކީ މީސް މީޑިއާގައި ވެސް އޭނާއާ ބެހޭގޮތުން ކަންކަން ހިއްސާ ކުރާ ފަންނާނަކަށް ވާއިރު، އެންމެ ފަހުގެ ޚަބަރުތައް އެހެން މީހުންނަށް ވެސް އެނގުން ދަތިކަމަކަށް ނުވެއެވެ.

އާއިލާ ދެކެ އަބަދުވެސް ލޯބިވާ އަދި ގާތް ގުޅުމެއް ބާއްވާ އާލިއާ ދާދި ފަހުން މިވަނީ އޭނަގެ ކާފަގެ 93 ވަނަ އުފަން ދުވަސް ކުޑަ ގޮތަކަށް ފާހަގަ ކޮށްފައެވެ. ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އާއިލާއާއި ގާތް އެކުވެރިންނާ އެކު އެކަނި ބޭއްވި މި ޙަފްލާގައި ލޯބިވެރިޔާ ރަންބީރް ކަޕޫރު ވެސް ބައިވެރިވި ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!