ބޮލީވުޑް

ބޮލީވުޑް ސްކްރީން: އަބީޖީތު ބުނަނީ އަކްޝޭ ތަރިއަކަށް ވީ އޭނަގެ ލަވައެއްގެ ސަބަބުން ކަމަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ ޚަބަރުތަކަށް އަވަސް ކަޅިއެއް ހިންގައިލުމުން މިއަދު ފެނިގެން ދިޔައީ ވަރަށް ތަފާތު ވާހަކަތަކެކެވެ.

Ads by Sosun Fihaara

އެގޮތުން އެންމެ ފުރަތަމަ ޚަބަރަކަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބީޖީތު ބަޓަޗާރްޔާ، ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރާ ބެހޭގޮތުން ބުނީ ވާހަކަތަކެވެ.

އަހަރެންގެ އަޑު އެކްޓަރުންނަކަށް ނުދެން، ދެނީ ތަރިންނަށް: އަބީޖީތު

ލަވަކިޔުންތެރިޔާ އަބީޖީތު ވަނީ ބޮލީވުޑްގެ ބައެއް ތަރިން މަޝްހޫރުވުން އެއީ އޭނަގެ ސަބަބުން ވީ ކަމެއް ކަމަށް ބުނެފައެވެ. އަދި އަނެއް ބައި ތަރިންނަކީ، ތަރިން ނޫން ކަމަށާއި އެއީ ހަމައެކަނި އެކްޓަރުން ކަމަށް ވެސް ބުނެފައިވެއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި އަބީޖީތު ބުނެފައި ވަނީ އޭނާގެ އަޑު ދެނީ ތަރިންނަށް ކަމަށާއި އެކްޓަރުންނަކަށް ނޫން ކަމަށެވެ. އެގޮތުން ޝާހްރުކްޚާން އަކީ ތަރިއެއް ކަމަށާއި ނަމަވެސް ސުނީލް ޝެޓީއަކީ އެކްޓަރެއް ކަމަށް ބުނެ، ސުނީލް ކޮންމެ ލަވައެއްގައި ހަރަކާތްތެރި ވިޔަސް ހުންނާނީ އެކްޝަން ފިލްމެއްގައި ހުންނަހެން ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން އަބީޖީތު ބުނީ ސުޕާސްޓާ އަކްޝޭ ވެސް ކުރިން އެކްޓަރެއްގެ ގޮތުގައި ހުރެ ތަރިއަކަށް ވީ އަބީޖީތުގެ ލަވައަކުން ކަމަށާއި އެއީ "ކިލާޅީ"ގައި އަބީޖީތު ކިޔައިދިން "ވާދާ ރަހާ ސަނަމް" ލަވައަށް ފަހު ކަމަށް ވެސް އޭނާ ބުންޏެވެ.

"ކްރައިމް" އާ ދެކޮޅަށް މަސައްކަތް ކުރި ދެ އެކްޓްރެސްއެއް ވައްކަން ކޮށްގެން ހައްޔަރުކޮށްފި

"ސާވްދާން އިންޑިއާ"، "ކްރައިމް ޕެޓްރޯލް" ފަދަ "ކްރައިމް" ނުވަތަ ކުށްތައް ދައްކުވައިދޭ ޝޯތަކެއްގައި ހަރަކާތްތެރި ވި ދެ އެކްޓްރެސް ވައްކަން ކޮށްގެން ހައްޔަރު ކޮށްފިއެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މުމްބާއި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ސޫރަބީ ޝްރިވާސްތަވް (25އ.) އަދި މުހްސިނާ ޝެއިޚް (19އ.) އެވެ. މި ދެ ތަރިން ހައްޔަރު ކޮށްފައިވަނީ ގޮރެގޮންގެ ހޮޓަލެއްގެ ލޮކަރެއްގައި ބަހައްޓައިފައި ހުރި 3.28 ލައްކަ ރުޕީސް ވަގަށް ނެގިކަމުގެ ތުހުމަތުގައެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި މި ދެ މީހުން ވައްކަން ކޮށްފައި ވަނީ "ރޯޔަލް ޕާމްސް" ހޮޓަލުންނެވެ. އެތަނުގައި އެ މީހުންގެ އެކުވެރިއެއްގެ އެޕާޓްމަންޓެއްގައި މަޑުކުރަން ގޮސްފައި، ވަގަށް ނެގީ އޭގެ ޖެހިގެން ހުރި އެޕާޓްމަންޓުގައި ދިރިއުޅޭ މީހެއްގެ ފައިސާތައް ކަމަށް ވެސް ބުނެފައިވެއެވެ. ފައިސާތައް ގެއްލުމުން އެ މީހާ ފުލުހުންނަށް ރިޕޯޓު ކުރި ކަމަށާއި، ސީސީޓީވީން ބެލުމުން އެ ވައްކަމުގެ ފަހަތުގައި ސޫރަބީއާއި މުހްސިނާ ތިބިކަން ހާމަ ވި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޕްރިޔާންކާ ދެކެ ރުޅި އައިސްގެން ޓްވިންކަލް އޭނަ ގައިގަ ޖަހަން އުޅުނު

މަޝްހޫރު އެކްޓްރެސް ޕްރިޔާންކާ ޗޯޕްރާއާއި އަކްޝޭ ކުމާރަކީ، ޕްރިޔާންކާގެ ފިލްމީ ކެރިއަރު ފެށުނުތާ ކުރީކޮޅު ވަރަށް ގިނަ ފިލްމު އެކީގައި ކުޅުނު ދެ ތަރިންނެވެ. ނަމަވެސް ފަހުން ދެ ތަރިން އެކުގައި ފިލްމުތަކުން ފެނުން ހުއްޓި، ޕްރިޔާންކާއާ އެކު ދެން އެއްވެސް ފިލްމެއް ނުކުޅޭނެ ކަމަށް ބުނެ އަކްޝޭ ނެރުނު ބަޔާނެއް ވެސް މީޑިއާގައި އާންމު ވެގެން ދިޔައެވެ.

އެ އިރު މަޝްހޫރުވި އެއް ވާހަކައަކީ ޕްރިޔާންކާއާއި އަކްޝޭ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށެވެ. އަކްޝޭ އާއި ޓްވިންކަލް ކަންނާ އެއިރު ވެސް އުޅުނީ ކައިވެނި ކޮށްގެން ކަމަށް ވާތީ، ޓްވިންކަލްއަށް އެ ވާހަކަތައް ކަމުނުދިޔަ ކަމަށް ވެސް ބުންޏެވެ.

ކުރިން ޕްރިޔާންކާއާ އެއްވެސް މައްސަލައެއް ޖެހިފައިވާ ކަމަށް ޓްވިންކަލް ނުބުނި ކަމުގައި ވިޔަސް، ރިޕޯޓުތަކުން ބުނާ ގޮތުގައި އަކްޝޭއާ އެކު ކުޅުނު ފިލްމެއްގެ ޝޫޓިން ތެރޭގައި ޓްވިންކަލްއާއި ޕްރިޔާންކާ ފޯނުން އެކަކު އަނެކަކަށް ބަހުގެ ހަމަލާތަކެއް ދިނެވެ. އެއަށް ފަހު ޓްވިންކަލް އެ ދުވަހު އެ ސެޓަށް ގޮސްފައި ވެސް ޕްރިޔާންކާ ދެކެ އައިސްފައި ހުރި ރުޅިން އޭނާ ގައިގައި ޖަހަން އުޅުނު ކަމަށާއި އެކަން ހުއްޓުވީ އަކްޝޭ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ. ދެމަފިރިން ފިލްމު ސެޓްގައި އެންމެން ކުރިމަތީގައި ވަރަށް ބޮޑަށް ޒުވާބު ކުރުމަށް ފަހު، ޓްވިންކަލް ގޮވައިގެން އަކްޝޭ ގެއަށް ދިޔަ ކަމަށާއި، ޕްރިޔާންކާއާ އެކު ދެން ފިލްމެއް ނުކުޅޭނެ ކަމަށް އޭގެ އަނެއް ދުވަހު ނެރުނު ބަޔާނެއްގައި ބުނި ކަމަށް ވެސް ރިޕޯޓުތަކުގައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!