ޚަބަރު

އުންމީދު ކުރަނީ ނަޝީދަށް ދިން ހަމަލާގެ ތަހުގީގު އަންނަ މަހު ނިންމައިލެވޭނެކަމަށް: ޝަމީމް

ރައުފާ ރަޝީދު ، ދެން އޮންލައިން

މިދިޔަ މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލެއްވުމަށް ދިން ހަމަލާގެ ތަހްޤީގު އަންނަ މަހު ނިންމައިލެވޭނެކަމަށް އުއްމީދު ކުރައްވާކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ޕީޖީ ޝަމީމް ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލެއްވުމަށް ދިން ހަމަލާއާ ގުޅިގެން ކުރިއަށްދާ ތަޙްޤީގު ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށެވެ. އަދި އޯގަސްޓްމަހުގެ 5 ވަނަ ދުވަހުގެ ކުރިން މައްސަލަ ކޯޓަށް ހުށައެޅޭނެ ކަމަށާއި އަދި އެއަށް ވުރެ އަވަހަށް ވެސް މައްސަލަ ކޯޓަށް ހުށައެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށް ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޕީޖީ ޝަމީމް ވިދާޅުވީ މި މައްސަލައިގެ ތަޙްޤީގު ކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހި ވަޑައިގަންނަވާކަމަށެވެ.

މިދިޔަ މަހު ހަވަނަ ދުވަހު މަޖިލީހުގެ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދާއި، ރައީސް ނަޝީދަށް ހަމަލާދިން ބޮން ގޮއްވައިލި ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދާއި ލ.ގަން / ދުންފިނި އުފާ، ޢުމުރުން 23 އަހަރުގެ އަހުމަދު ފާތިހެވެ.

ރައީސް ނަޝީދަށް ދިން ނުރައްކާތެރި ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކުރައްވައިފައެވެ.

ރައީސް ނަޝީދަށް ފުރަތަމަ ފަރުވާ ދީފައި ވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެގޮތުން 16 ގަޑިއިރު ތެރޭ އެމަނިކުފާނުގެ ހަތަރު އޮޕަރޭޝަނެއް ކުރަން ޖެހުނުކަމަށް އޭޑީކޭއިން ހޮސްޕިޓަލުން ބުނެފައިވެއެވެ. އަދި ރައީސް ނަޝީދުގެ ހަށިކޮޅަށް 10 ރޭޒަ ފުއް ވަދެފައިވާ ކަމަށާއި ހަށިކޮޅުގެ މުހިންމު ގުނަވަންތައް ފޫއަޅުވައިލި ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!