ބޮލީވުޑް ސްކްރީން: ރިއާ އޭނަގެ ބައްޕަގެ ގާތުން މާފަށް އެދެފި
ބޮލީވުޑްގެ ޚަބަރުތަކަށް މިއަދު ވެސް އަވަސް ކަޅިއެއް ހިންގާލާ އިރު، އެ ދާއިރާގައި މިއަދު ގިނައީ އިއްޔެ ފާހަގަކުރި ބައްޕައިންގެ ދުވަހުގައި ތަރިން ބައްޕައިންނަށް ފޮނުވައިފައިވާ ޚާއްސަ މެސެޖުތަކަށެވެ.
އެ ޚަބަރުތަކާ އެކު ކުރިން ނޭނގޭ އެހެން ބައެއް މައުލޫމާތުތައް އެކުލެވޭ ޚަބަރުތައް ވެސް ވެއެވެ.
ރިއާ ޗަކްރަބަޓީ އޭނަގެ ބައްޕަ ގާތުން މާފަށް އެދުނީ ކީއްވެ؟
ރިއާ ޗަކްރަބަޓީއަކީ މިހާރު ހަމަޔަގީނުން ވެސް ގިނަ މީހުންނަށް އާ ނަމެއް ނޫނެވެ. ޚާއްސަކޮށް އޭނަގެ އަމިއްލައަށް މަރުވެފައިވާ ލޯބިވެރިޔާ ސުޝާންތު ސިންގް ރާޖްޕޫތުގެ މަރަށް ފަހު ރިއާއަށް ވަނީ ޚުދު އޭނާ ވެސް ހީނުކުރާ ފަދަ ސަމާލުކަމެއް ފޭނުންނާ އިންޑިއާ ސަރުކާރުން ވެސް ލިބިފައެވެ.
އިއްޔެއަކީ ބައިނަލް އަގުވާމީ ގޮތުން ބައްޕައިންގެ ދުވަސް ކަމުގައިވާތީ، ރިއާ މިވަނީ އޭނަގެ ބައްޕައަށް ވެސް ދުވަހުގެ ތަހުނިޔާ ފޮނުވައިފައެވެ. މި އާއެކު ރިއާ ވަނީ އޭނާގެ ސަބަބުން ދަތިތަކާ ކުރިމަތިވީތީ އޭނަގެ ބައްޕަގެ ގާތުން މާފަށް ވެސް އެދިފައެވެ.
ސްޝާންތުއާއި ރިއާ މަސްތުވާތަކެތި ބޭނުން ކުރި ކަމަށާއި ވިއްކިކަން ވެސް ތަހުގީގުގެ ތެރެއިން ފެންމަތި ވެފައި ވެއެވެ. އެ މައްސަލައިގެ ތެރޭގައި ތަހުގީގަށް ސުވާލު ކުރުމަށް ރިއާގެ ބައްޕަ އިންދަރްޖީތު ޗަކްރަބަޓީ ވެސް ފުލުހުންގެ އިދާރާއަށާއި ނާކޮޓިކްސް ކޮންޓްރޯލު ބިއުރޯއަށް ސުވާލު ކުރަން ގެންދިޔަ ކަމަށް އެ އިރުގެ ރިޕޯޓުތަކުން ހާމަވެއެވެ. އެހެންކަމުން ބެލެވޭ ގޮތުގައި ރިއާ މާފަށް އެދިފައި މިވަނީ އެ ކަންތައްތަކުގެ ސަބަބުންނެވެ.
މުމްބާއީއަށް އައި ކުރީކޮޅު މިނީޝާއަށް ފަސޭހައެއް ނޫން، ވައްކަމުގެ ތުހުމަތު ވެސް އެޅުވި
އެކްޓްރެސް މިނީޝާ ލާމްބާގެ އެއްވެސް މަސައްކަތެއްގެ ވާހަކަ ނުއިވޭތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެއެވެ.
މިނީޝާގެ އެކްޓިންގެ ހުނަރު އެންމެ ފަހުން ފެނިފައި ވަނީ 2017 ވަނަ އަހަރު ރިލީޒްވި "ބޫމީ" އިންނެވެ. އޭގެ ކުރިން "ބަޗްނާ އޭ ހަސީނޯ" އަދި "ބޭޖާ ފްރައި 2" އިން ވެސް ފެނިފައިވެއެވެ.
ގިނަ މީހުން ޤަބޫލު ކުރާ ގޮތުގައި މިނީޝާއަކީ ބޮލީވުޑްގައި ރަނގަޅަށް ފައިހަމަ ކުރި ތަރިއެކެވެ. ނަމަވެސް ހަގީގަތުގައި އޭނާއަކީ ކުރިން ވަރަށް ގިނަ ކަންތައްތަކަކާ ކުރިމަތިވި ތަރިއެއްކަން މި ވަނީ ހާމަވެފައެވެ.
މުމްބާއީއަށް އައިތާ ކުރީކޮޅު މިނީޝާ ކުއްޔަށް މަޑުކޮށްގެން ހުރި ގޭގެ ވެރި މީހާ އޭނާގެ ބޮލުގައި ވަގު ބަދުނާމު އެޅުވިކަމަށް އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން މިނީޝާ ކިޔައިދީފައިވެއެވެ. އެ ގޭ ވެރިމީހާގެ ކަބަޑުން ފައިސާ ނެގި ކަމަށް ބުނުމުން އެއީ ދޮގު ތުހުމަތެއްކަން ސާބިތު ކޮށްދިނުމަށް ފަހު އެ ގެއިން ނިކުތް ކަމަށާއި އެއަށް ފަހު އުޅެން ޖެހުނީ އަގު ބޮޑު އެހެން ނަމަވެސް ވަރަށް ޖާގަ ކުޑަ ކޮޓަރިއެއްގައި ކަމަށް ވެސް މިނީޝާ ބުންޏެވެ.
ހަމަ ޔަގީނުން ވެސް މި އަހަރު އަނީތާ އެކްޓު ކުރާކަށް ނުދާނެ: ރޯހިތު
މިހާރު އެންމެ ބޮޑަށް ފެންމަތި ވެފައިވާ ބޮލީވުޑްގެ އެއް ވާހަކައަކީ އެކްޓްރެސް އަނީތާ ހަސަނަންދާނީ މަންމައަކަށް ވުމަށް ފަހު އެކްޓިންގެ ދާއިރާ ދޫކޮށްލައިފިކަމުގެ ޚަބަރެވެ.
ދާއިރާ ދޫ ނުކޮށްލާ ކަމަށާއި މަސައްކަތަށް އެނބުރި ދިޔުމަށް ތައްޔާރުވުމުން ދާނެ ކަމަށް އަނީތާ ވެސް ވަނީ ބުނެފައެވެ.
އެކަމާ މެދު އޭނާގެ ފިރިމީހާ ރޯހިތު ރެޑީ ވެސް މިހާރު މިވަނީ ބަސް ބުނެފައެވެ. ރޯހިތު ބުނީ މަންމައަކަށްވުން އޭގެ އެންމެ ފުރިހަމަ ގޮތުގައި މިދުވަސްކޮޅު އަނީތާ ހޭދަ ކުރަމުން ދާ ކަމަށާއި އެހެންކަމުން ހަމަ ޔަގީނުން ވެސް މި އަހަރު އެއްވެސް ފިލްމެއް ނުވަތަ ސީރީޒެއްގެ ވެސް މަސައްކަތް އޭނާ ނުކުރާނެ ކަމަށެވެ.
އެހެން ނަމަވެސް ގޭގައި އިނދެގެން ދަރިފުޅު ބެލުމުގެ އިތުރުން، ސޯޝަލް މީޑިއާގައި ބައެއް ބްރޭންޑުތައް އެންޑޯސް ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ވެސް ރޯހިތު ބުންޏެވެ.