24 ގަޑިއިރު ތެރޭގައި އިންޑިއާގައި 8 މިލިއަން ވެކްސިން ޖަހައިފި
އިންޑިއާގައި 24 ގަޑިއިރު ތެރޭގައި އަށް މިލިއަން މީހުން ވެކްސިން ޖަހައިފިކަމަށް ހެލްތު މިނިސްޓްރީން ހޯމަދުވަހު ބުނެފިއެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ 24 ގަޑި އިރުތެރޭ ރެކޯޑް އަދަދަކަށް ވެކްސިން ޖެހިގެން ދިޔުމަކީ ކޮވިޑް-19 އިން އަރައިގަތުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެކަމާ އުފާ ކުރައްވާކަމަށް ވެސް މޯދީ ވިދާޅުވިއެވެ.
މީގެ ކުރިން އިންޑިއާ ސަރުކާރުން ވިދާޅުވެފައި ވަނީ ޖުލައި މަހުން ފެށިގެން އެ ގައުމުގައި ދުވާލެއްގެ މަތިން 10 މިލިއަން ޑޯޒް ވެކްސިން ޖެހޭނެ ކަމަށެވެ. އިންޑިއާގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އިންޑިއާ އާބާދީގެ 1.1 ބިލިއަން މީހުންނަށް ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުމެވެ.
ކޮވިޑް-19ގެ ދެވަނަ ރާޅެއް އިންޑިއާއަށް ބިންދައިލުމާ އެކު ގައުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ދިޔައެވެ. އެހެން ނަމަވެސް މިހާރު ހާލަތު ރަނގަޅުވަމުން އަންނަ ވަރަކަށް އިންޑިއާގައި އަޅައިފައިވާ ފިޔަވަޅުތަކަށް އަންނަނީ މަޑުމަޑުން ލުއިތައް ދެމުންނެވެ. އެއާއެކު އިންޑިއާގައި ގިނަ ބަޔަކު ތޮއް ޖެހިގެން އުޅޭ މަންޒަރު ފެނި ޑޮކްޓަރުން އަންނަނީ އިންޒާރު ދެމުންނެވެ.
އަހަރު ދެބައި ވެފައިިވާއިރު، މިހާތަނަށް އެ ގައުމުން ޖެހިފައި ވަނީ 275 މިލިއަން ޑޯޒެވެ. އެއީ މުޅި އިންޑިއާގެ އާބާދީގެ އެންމެ ހަތަރު އިންސައްތައެވެ.