މަރައިލައިފައި އޮއްވާ ފެނުނު ކުއްޖާގެ ފޮޓޯއާއި މައުލޫމާތު ދައުރު ނުކުރުމަށް އެދިއްޖެ

ރަހީނުކޮށް، އަނިޔާ ކުރުމަށް ފަހު މަރައިލައިފައި އޮއްވާ ފެނުނު 13 އަހަރު ކުއްޖާގެ ފޮޓޯތަކާއި މައުލޫމާތު ދައުރު ނުކުރުމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާރވިސްއިން އެދިއްޖެއެވެ.
އެ ސާވިސްއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކުޑަކުއްޖެއް ރަހުމުކުޑަކޮށް މަރައިލައިފާވާ ޚަބަރާއެކު މީސްމީޑީއާގައި އެ ކުއްޖާއާއި ޢާއިލާ ކުށްވެރިކޮށް މި ދަނޑިވަޅުގައި މަޢުލޫމާތު ހާމަ ކުރުމަކީ އާއިލާއަށް އިތުރު ތަކުލީފުތަކެއް އުފުލަން ޖެހޭނެ ކަމެއް ކަމަށާއި އެހެންކަމުން މި ދަނޑިވަޅުގައި ކުއްޖާގެ އާއިލާގެ އިޙުސާސްތަކަށް އިޙްތިރާމުކޮށް މިފަދަ ޚަބަރުތައް އަދި ކުއްޖާގެ ފޮޓޯތަކާއި މަޢުލޫމާތު ދައުރު ނުކުރުމަށް ޗައިލްޑް އެންޑް ފެމިލި ޕްރޮޓެކްޝަން ސަރވިސްއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނު ނަމްބަރު 19/2019ގެ 33ވަނަ މާއްދާގެ (ހ) ގެ ދަށުން ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އާންމުކޮށްގެން ނުވާނެ ކަމަށާއި އެހެންކަމުން މި މާއްދާއާ ހިލާފުވާ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުކޮށްފި ނަމަ މި ޤާނޫނުގެ ދަށުން ފިޔަވަޅުއަޅާނެ ކަމަށް ވެސް އެ ސާރވިސްއިން ވަނީ ބުނެފައެވެ.
ރަހީނުކޮށްފައިވާ އެ ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ ރޭ މެންދަމު ހުޅުމާލޭގެ މޫދުންނެވެ. އެ ކުއްޖާ ފެނުނުއިރު، އޭނާއަށް އަނިޔާ ކޮށްފައި ހުރިކަމުގެ ނިޝާންތަކެއް ވެސް ހަށިގަނޑުން ފެންނަން ހުއްޓެވެ.