ބޮލީވުޑް

ބޮލީވުޑް ސްކްރީން: އަވައްޓެރިއަކަށް އިންޒާރުދީގެން ޕާޔަލް ހައްޔަރުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ނުހަނު ޝައުޤުވެރިކަމެއް ބަހައްޓައި ބޮލީވުޑްގެ ޚަބަރުތަކަށް މިއަދު ވެސް އަވަސް ކަޅިއެއް ހިންގައިލާއިރު ނުހަނު ޝައުޤުވެރިކަން އުފެދޭ އެތައް ވާހަކަތަކެއް ވަނީ ފެނިފައެވެ.

Ads by STELCO

އޭގެ ތެރެއިން ފާހަގަ ކޮށްލެވޭ ބައެއް ޚަބަރުތައް ކުރުގޮތަކަށް ހިމަނައިލާނަމެވެ.

އީޖާޒް ޚާންގެ އާއިލާއަށް ޕަވިތުރަ ޕޫނިއާ ކަމުގޮސްފި

އިންޑިއާގެ ނަން މަޝްހޫރު ރިއަލީޓީ ޝޯއެއް ކަމުގައިވާ ބިގްބޮސްގެ މިދިޔަ އަހަރު ބޭއްވި ސީޒަންގައި، އެންމެ ގިނަ މީހުން އަޅައިގަތް އެއް ޖޯޑަކީ އެކްޓަރު އީޖާޒް ޚާނާއި ޕަވިތުރަ ޕޫނިއާގެ ޖޯޑެވެ.

ޝޯގެ އެތެރޭގައި ދެން ތިބި ގިނަ ބައިވެރިންނާއި އިޖާޒާ މައްސަލަ ޖެހުނު ކަމުގައިވިޔަސް، ޕަވިތުރަ ޕޫނިއާއާ ގާތް ގުޅުމެއް އޭނާ ބާއްވަމުން ދިޔަކަން ގިނަ މީހުން ފާހަގަ ކުރިއެވެ. ނަތީޖާއެއްގެ ގޮތުން ދެ މީހުން ލޯބީގެ ގޮތުން ގުޅިއްޖެކަމުގެ އަޑުތަކެއް ވެސް އެރިއެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި މި ދެ ތަރިން ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށް ބެލެވެއެވެ. ނަމަވެސް އޭގެ ކުރިން ދެ ތަރިންގެ އާއިލާއާ އެކު ވެސް ވަނީ ގުޅުން ބަދަހިވެފައެވެ. އެގޮތުން އީޖާޒްގެ އާއިލާއަށް ޕަވިތުރަ ޕޫނިއާ ވަރަށް ކަމުގޮސްފި ކަމަށާއި އެ ގޭގައި ބާއްވައި އެކިއެކި ޙަފްލާތަކުގައި ވެސް އޭނާ ބައިވެރިވާ ކަމަށް ވެސް ޚަބަރުތަކުން ބުނެއެވެ.

ސަނާ ސައްޔިދު ކައިވެނި ކޮށްފި

"ދިވްޔާ ދްރިޝްތީ"ގައި "ދިވްޔާ"ގެ ރޯލުން ފެނިގެން ގޮސްފައިވާ ކުޅަދާނަ އެކްޓްރެސް ސަނާ ސައްޔިދު، އޭނާގެ ލޯބިވެރިޔާ އިމާދު ޝަމްސީއާ ކައިވެނި ކޮށްފިއެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި މި ދެ ތަރިން ކައިވެނި ކޮށްފައި މިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އެތައް އަހަރެއް ހޭދަ ކުރުމަށް ފަހުއެވެ.

އިންޑިއާގައި ހަލުވިކަމާއެކު އަދިވެސް ކޮވިޑް-19 ފެތުރެމުން ދިޔުމާ ގުޅިގެން ސަނާއާއި އިމާދުގެ ކައިވެނީގެ ޙަފްލާ ބޭއްވީ ވަރަށް ކުޑަ ގޮތަކަށް ވެސް އެނގިފައިވެއެވެ. އެގޮތުން އެ ޙަފްލާގައި ބައިވެރިވީ ހަމައެކަނި އެ ދެ މީހުންގެ އާއިލާ މީހުންނާއި ގާތް އެކުވެރިން ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

އަވަށްޓެރިއަކާ ޒުވާބުކޮށް އިންޒާރު ދީގެން ޕާޔަލް ހައްޔަރުކޮށްފި

ބިގްބޮސްގެ ވާހަކަ ދައްކާ އިރު ފާހަގަ ކޮށްލެވޭ އެ ޝޯގެ އެއް ބައިވެރިއަކީ އެކްޓްރެސް ޕާޔަލް ރޯހަތުގީއެވެ.

ގިނަ މީހުން ފާހަގަ ކުރާ ގޮތުގައި ޕާޔަލްއަކީ ވަރަށް ރުޅިގަދަ، ޒީލަގަދަ، އަދި އެތައް ބަޔަކާ މައްސަލަ ޖެހޭ މީހެކެވެ. އަދި އޭނާއާ މިޒާޖު ގުޅޭ މީހުން ވެސް ވަރަށް މަދުކަން ވަނީ ފާހަގަ ކޮށްފައެވެ.

އޭނާއާ ބެހޭގޮތުން ފެންމަތިވެފައިވާ އެންމެ ފަހުގެ ޚަބަރުތަކަށް ބަލާއިރު، އޭނާ ދިރިއުޅޭ ސޮސައިޓީގެ އެހެން މީހަކާ އޭނާ ޒުވާބުކޮށް އެ މީހާއަށް މަރުގެ އިންޒާރު ދިނުމުގެ ސަބަބުން، އަހްމަދުއާބާދުގެ ފުލުހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ޕާޔަލް ހައްޔަރުކޮށްފައެވެ.

ޕާޔަލް ވަނީ އޭނާގެ އެތައް އަވަށްޓެރިންނަކާ ޒުވާބު ކޮށްފައި ކަމަށާއި ހައްޔަރު ކުރީ އެ ސޮސައިޓީގެ ޗެއާޕާސަން މަރާލާނެ ކަމަށް ބުނެ އޭނާއަށް އިންޒާރު ދިނުމުން ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ. އޭނާ މަރުގެ އިންޒާރު ދިނީ މީސްމީޑިއާގައި ޖެހި ޕޯސްޓެއް މެދުވެރިކޮށް ކަމަށާއި ފަހުން އެ ޕޯސްޓު ޑިލީޓު ކުރި ކަމަށް ވެސް ޚަބަރުތަކުގައިވެއެވެ. މި މައްސަލަ ފުލުހަށް ހުށަހެޅީ ޕާޔަލްގެ އެހެން އަވަށްޓެރިއެއް ކަމަށް ވެސް އެނގިފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!