ޚަބަރު

އަލީ ވަހީދުގެ ޝަރީއަތުގެ މައްސަލަ ހައިކޯޓަށް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވުމުގެ ފުރުސަތު ދިން މައްސަލަ ޕްރޮސެކިޔުޓަރ ޖެނެރަލް އޮފީހުން ހައިކޯޓަށް ހުށަހަޅައިފިއެވެ.

Ads by STELCO

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާ ކުރަން އުޅުމުގެ ތުހުމަތު ކުރެވޭ މައްސަލަތަކުގައި ވަނީ ދައުވާ ކޮށްފައެވެ. އަދި އެ ދަނޑިވަޅުގައި އަލީ ވަހީދު ވަނީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ.

ބޭސް ފަރުވާއަށް އަލީ ވަހީދަށް ދެވުނު މުހުލަތު ހަމަވިއިރު ވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ. އަދި އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިއުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. އެހެންކަމުން ކޯޓުން ވަނީ އޭނާ ރާއްޖެއިން ބޭރުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް ނިންމައި އިބްތިދާއީ އަޑުއެހުންތައް ވެސް ފަށައިފައެވެ.

ދިވެހިރާއްޖޭގެ އިހްތިސާސް ނުހިނގާތަނެއްގައި ހުންނަވައިގެން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވާން ފުރުސަތު ނުދެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ވަނީ ކޯޓުގައި ވިދާޅުވެފައެވެ.

އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާއާއި، ޖިންސީ އަނިޔާއެއްކުރުމުގެ ކުށުގެ ދަޢުވާގެ އިތުރުން، ޖިންސީ ޢަމަލެއް ހިންގުމަށް އެދުމުގެ ދެ ދަޢުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އަދި ޖިންސީ ގޯނާކުރުމާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!