ބޮލީވުޑް

ބޮލީވުޑް ސްކްރީން: ދާއިރާއިން މީހަކާ ކައިވެނި ނުކުރެވުނީތީ ސޯނަމް ވަރަށް އުފާވޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ ޚަބަރުތަކަށް އަވަސް ކަޅިއެއް ހިންގާލާއިރު ފާހަގަ ކުރެވޭ ޚަބަރުތަކުގައި ހިމެނެނީ އެކި ގުޅުންތަކުގެ ވާހަކައާއި ތަރިންގެ ހަޔާތުގައި ހިނގާފައިވާ ބައެއް ކަންތައްތަކެވެ. އެގޮތުން ކައިވެނި ތަކުގެ ވާހަކައާއި ބައެއް ތަރިންގެ މާލީ ހާލަތުގެ އިތުރުން ކުރެވުނު ކަންތަކެއްގެ ސަބަބުން ކެރިއަރުގައި ދިމާވި ބައެެއް ކަންކަން ވެސް ފާހަގަ ކޮށްލެވެއެވެ.

Ads by MWSC

ސަންޖޭ ދަތު މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން ޝްރީދޭވީ އޭނަދެކެ ބިރުގަތްކަން އެނގޭތަ؟

ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތަކީ ކުރިން މަސްތުވާތަކެތީގެ ވަރަށް ބޮޑު ޝިކާރައަކަށްވީ މީހެއްކަން އެންމެންނަށް ވެސް ވަނީ އެނގިފައެވެ. އެކަމުން އޭނާ ސަލާމަތް ކުރުމަށް އޭނާގެ ބައްޕައާއި ކުރީގެ ލޯބިވެރިންނާއި އަދި ގާތް އެކުވެރިން ވެސް އޭރު މަސައްކަތް ކުރިއެވެ. ނަމަވެސް އެ ހުރިހާ ކަމެއް ވެސް ނާކާމިޔާބުވެ، އެންމެ ފަހުން އޭނާ އެ ވަބާއިން ސަލާމަތްވީ އަމިއްލައަށް ކުރި ބުރަ މަސައްކަތާއެކު ރީހެބަށް ގޮސްގެން ކަމަށް ސަންޖޭ ވަނީ ކުރިން ބުނެފައެވެ.

ނަމަވެސް މަސްތުވާތަކެތި ބޭނުން ކުރި ދުވަސްކޮޅު، ބޮލީވުޑްގެ ގިނަ ފިލްމުތަކެއް އޭނާއަށް ވަނީ ގެއްލިފައެވެ. އޭގެ އެއް ސަބަބަކީ ބައެއް އެކްޓަރުން އޭނާއާ އެކު މަސައްކަތް ކުރަން ބޭނުން ނުވުމެވެ.

އެގޮތުން ފާހަގަ ކޮށްލެވޭ އެއް އެކްޓަރަކީ ޝްރީ ދޭވީއެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި، ސަންޖޭއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއްކަން އެނގުމުން ޝްރީ ދޭވީ ވަނީ އޭނާއާ އެކު އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށް ފާޅުގައި ބުނެ، ސަންޖޭ ދަތު ދެކެ ބިރުގަންނަ ކަމަށް ވެސް ބުނެފައެވެ.

ބޮލީވުޑުން މީހަކާ ކައިވެނި ނުކުރެވުނީތީ ސޯނަމް ކަޕޫރް ވަރަށް އުފާވޭ

މި ދުވަސްވަރު ބޮލީވުޑްގެ ފަަލަ ސުރުޙީތަކުން އެންމެ ގިނައިން ފެންނަ އެއް ވާހަކައަކީ އާމިރް ޚާންއާއި ކިރަން ރާއޯ، 15 އަހަރު ދުވަހު އެއްކޮށް އުޅުމަށް ފަހު ވަރިވި ޚަބަރެވެ.

އެ ޚަބަރާއެކު ބޮލީވުޑްގެ އެހެން ބައެއް ކައިވެނިތަކުގެ މައްސަލަތައް ވެސް މިވަނީ ފެންމަތިވެފައެވެ. އޭގެ ތެރޭގައި އެކްޓަރު އިމްރާން ޚާންއާއި އޭނަގެ އަންހެނުން އަވަންތިކާ މަލިކްއާ ދެމެދު ޖެހިގެން އުޅޭ މައްސަލަތަކެއްގެ ވާހަކަތައް ވެސް މިވަނީ އާންމުންނާ ހަމައަށް ހާމަވެފައެވެ.

މި ހުރިހާ ވާހަކަތަކުގެ ސަބަބުން، ސޯނަމް ކަޕޫރް ބުނީ އޭނާގެ ފިރިމީހާ އާނަންދް އަހޫޖާއަކީ މި އިންޑަސްޓްރީގެ މީހަކަށް ނުވާތީ ވަރަށް އުފާކުރާ ކަމަށެވެ. ސަބަބަކީ، ބޮލީވުޑްގެ ގިނަ ތަރިން ދިރިއުޅުމާ މެދު ދެކެނީ ވަރަށް ތަފާތު ގޮތަކަށް ކަމަށާއި އެމީހުން ވިސްނަނީ ހުރިހާ ކަމަކީ ވެސް ދާއިރާއާ ގުޅިފައިވާ ކަމެއް ކަމަށް ވެސް ސޯނަމް ބުންޏެވެ.

ޝަގުފްތާ އަލީގެ މާލީ ހާލަތު ގޯސް، ދިރިއުޅެނީ ކާރާއި ގަހަނާތައް ވިއްކައިލައިގެން

ޓީވީ އެކްޓްރެސް ޝަގުފްތާ އަލީގެ މާލީ ހާލަތު މިދުވަސްކޮޅު ވަރަށް ގޯސް ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ސިއްހީ މައްސަލަތަކެއް ހުރުމުގެ ސަބަބުން އެއްވެސް މަސައްކަތެއް އޭނާއަށް މިހާރު ނުލިބޭ ކަމަށާއި އެކަމުގެ ސަބަބުން އޭނާ އަތުގައި އެވަރަށް ފައިސާ ނެތި އެހީއަށް ބޭނުން ވެފައި ހުރި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މީގެ ހަ އަހަރު ކުރިން ހަކުރުބަލި ޖެހުމުގެ ސަބަބުން ޝަގުފްތާ ވަނީ ވަރަށް ބަލިވެފައެވެ. އޭގެ ސަބަބުން އެއްވެސް މަސައްކަތެއް ނުކުރެވި، މިހާރު އޭނާ ދިރިއުޅެމުން ގެންދަނީ އޭނަގެ ކާރާއި ގަހަނާތައް ވިއްކައިގެން ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!