ބޮލީވުޑް

ބޮލީވުޑް ސްކްރީން: ރަންވީރަށް ދީޕިކާ ދިން ހަދިޔާއިން އެންމެ އުފާވީ ޝެހެނާޒް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ ޚަބަރުތަކުގައި މިއަދު ވެސް އޮތީ ކިޔުންތެރީން ޝައުޤުވެރިވާ ފަދަ ޚަބަރުތަކެކެވެ. ދީޕިކާ ޕަދުކޯން އޭނާގެ ފިރިމީހާގެ އުފަން ދުވަހު ދިން ހަދިޔާއެއްގެ ވާހަކައާއި، ރިއާ "ހީލް"ވާ ގޮތާއި ތަނީޝާ މުކަރްޖީ ވެސް މާބަނޑު ނުވާން ދަރިމައިވުމުގެ ބިސް ގަނޑު ކޮށްފައި ބަހައްޓައިފައި ހުރި ވާހަކަތައް ފާހަގަ ކޮށްލެވެއެވެ.

މިއަދުގެ ސެގްމެންޓް ފުރަތަމަ ފަށާނީ ތަނީޝާގެ ޚަބަރުންނެވެ.

ތަނީޝާ ވެސް ދަރިމައި ވާކަށް ބޭނުމެއް ނުވޭ!

އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން އެކްޓްރެސް ތަނީޝާ ވަނީ މައިވަންތަކަމާ ގުޅޭގޮތުން ވާހަކަ ދައްކައިފައެވެ. ނަމަވެސް ތަނީޝާ ބުނީ އޭނާ މަޔަކަށް ވާން ބޭނުން ނުވާ ކަމަށާއި އެހެންކަމުން 39 ވަނަ އުފަން ދުވަހު ގޮސް ދަރިމައިވުމުގެ ބިސް ގަނޑުކުރި ކަމަށެވެ.

ބިސް ގަނޑުކުރުމުން ވަރަށް ބޮޑަށް ބަރުދަން އިތުރުވި ކަމަށް ވެސް ތަނީޝާ ބުންޏެވެ. އަދި ބުނީ އޭނާއަށް މާބަނޑު މީހުން ވެސް ރީތި ކަމަށާއި ނަމަވެސް އަމިއްލަ ބިސް ގަނޑު ކުރެވުނީތީ އުފާވާ ކަމަށެވެ.

ރިއާ "ހީލް"ވާ ގޮތް ދައްކައިލައިފި!

ރިއާ ޗަކްރަބަޓީއަކީ މިހާރު އާ ނަމެއް ނޫނެވެ. މިދިޔަ އަހަރު އޭނާގެ ލޯބިވެރިޔާ އަދި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު އަމިއްލައަށް މަރުވުމުން، ސުޝާންތާ އެއްވަރަށް އެންމެ ގިނައިން މީހުން މީޑިއާތަކުގައި ވެސް ދެއްކީ ރިއާގެ ވާހަކައެވެ.

މަސްތުވާތަކެތި ބޭނުން ކުރި ކަމުގެ ތުހުމަތާއި އޭގެ ވިޔަފާރި ކުރި ކަމުގެ ތުހުމަތުގައި ރިއާ ޖަލަށް ވެސް ލިއެވެ. ކަފާލާތުގެ ދަށުން މިހާރު މިނިވަން މާހައުލެއްގައި ހުރި ކަމުގައިވިޔަސް އޭނާ މިހާރު އުޅެނީ މީހުންގެ ނަޒަރަށް ވަރަށް ފިލައިގެންނެވެ.

ނަމަވެސް އިއްޔެ ރިއާ ވަނީ އޭނާއަށް ލިބުނު ހިތާމަތަކުން ފަރުވާ ހޯދާ އެއްގޮތް ހާމަކޮށްފައެވެ.

ކަސްރަތު ކުރަމުން ނަގައިފައިވާ ފޮޓޯއެއްގެ ކެޕްޝަންގައި ޖަހައިފައި ވަނީ ވެސް "ހީލިންގ" އެވެ.

ރަންވީރަށް ދީޕިކާ ދިން ހަދިޔާ ޝެހެނާޒް އަށް ވެސް ކަމުގޮސްފި

ބޮލީވުޑް ސުޕާސްޓާރުން ކަމުގައިވާ ދީޕިކާ ޕަދުކޯންއާއި ރަންވީރް ސިންގުއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބައެއްގެ އެންމެ "ފޭވަރިޓް" ޖޯޑެވެ. މި ދެމަފިރިން އެކުގައި އުޅޭއިރު އެކަކު އަނެކަކު ދެކެ ވާ ލޯބި ފެންނަ އިރު، ދެ މީހުން އެކުއެކީގައި ކުރާ މަޖާ ކަންކަން ވެސް ބެލުންތެރިންނަށް ވަރަށް ކަމުދެއެވެ.

އިއްޔެއަކީ ރަންވީރްގެ އުފަންދުވަސް ކަމުގައި ވާއިރު، ދީޕިކާ ވަނީ ފިރިމީހާގެ އުފަން ދުވަސް ފާހަގަ ކުރުމަށް އޭނާއާ އެކު މަޖާ ކުރު ވީޑިއޯއެއް ކުޅެފައެވެ.

"ތުވަޑާ ކުއްތާ ޓޯމީ"އަށް ބޮލީވުޑްގެ މި ދެމަފިރިން ނެށި ނެށުން އެތައް ބެލުންތެރިންނަކަށް ކަމުދިޔައެވެ. އޭގެ އިތުރުން ދާއިރާގެ ގިނަ މީހުން ވެސް ވަނީ އެ ވީޑިއޯއަށް ތައުރީފު ކޮށްފައެވެ.

އެގޮތުން އެންމެ އުފާވި އެކަކީ އެ ރާގު ޓްރެންޑު ކުރި އެކްޓްރެސް ޝެހެނާޒް ގިލްއެވެ. ޝެހެނާޒްގެ ޓްރެންޑެއް ދީޕިކާ ފަދަ އޭ ލެވެލް ސްޓާރެއް ބޭނުން ކުރުން ވެގެން ދިޔައީ ލިބުނު ޓްރޮފީއެއް ކަމަށް އޭނާ ފާހަގަކޮށްފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!