ޢަބްދުﷲ ރިޔާޒް ޖޭޕީން ވަކިވަޑައިގެންފި
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޕާލިމަންޓްރީ ގުރޫޕްގެ މެންބަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް، އެ ޕާޓީން ވަކިވެވަޑައިގެންފިއެވެ.
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް އެޑްރެސްކޮށް މެމްބަރު ރިޔާޒް މިރޭ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ސީޔާސީ ޕާޓީއެއް އުފައްދަވައިގެން ދިވެހި ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ނިންމަވާފައިވާތީ މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީން އެމަނިކުފާނު ވަކިވެވަޑައިގަންނަވާ ކަމަށެވެ.
ޢަބްދުﷲ ރިޔާޒާއި ދަނގެތީ ދާއިރާގެ މެމްބަރު ރިޓަޔާޑް ކާނަލް މުޙައްމަދު ނާޒިމް އައު ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިއްޔެ ވަނީ ޚަބަރުފެތުރިފައެވެ. މި ސިޔާސީ ޕާޓީއަކީ ކާނަލް ނާޒިމް އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕާޓީއެއް ކަމަށާއި އެކަމުގައި އެންމެ ގާތްކޮށް އެހީތެރިވެދެއްވީ ރިޔާޒް ކަމަށް ވެސް ޚަބަރު ފެތުރުނެވެ.
"ދެން"ގެ ފަރާތުން އެކަމާ ގުޅޭގޮތުން ޖޭޕީގެ ބަހެއް ހޯދައިލުމަށް ސުވާލު ކުރުމުން އެ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ އެއްވެސް ފަރާތަކުން ސިޔާސީ ޕާޓީއެއް އުފެއްދުމަކީ މައްސަލައެއް ނޫން ކަމަށެވެ.
"އެއްވެސް ސިޔާސީ ފިކުރަކާ އެކީ އެ ކުރާ މަސައްކަތެއް ކުރުމަކީ މައްސަލައެއް ނޫން. އަޅުގަނޑުމެން އެކަމަށް މަރުހަބާ ވެސް ކިޔާނަން. ނަމަވެސް އެބޭފުޅުން އަޅުގަނޑުމެން ތެރޭގައި ތިބެގެން އެކަން ކުރުމަކީ އެހާ ހިތްގައިމު ކަމެއް ނޫން" އަލީ ސޯލިޙް ވިދާޅުވިއެވެ.
ނާޒިމާއި ރިޔާޒުގެ އިތުރުން މަޖިލީހުގެ ތިން މެމްބަރަކު އެ ޕާޓީއަށް ސޮއި ކުރައްވަން ނިންމަވައިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް އެއީ ކޮން ތިން މެމްބަރުން ކަމެއް އަދި އެނގިފައެއް ނުވެއެވެ.