ދީން

ޢަރަފާތު ދުވަސް: ރޯދަ ހިއްޕަވައި , އަހަރު ތެރޭ ލިބޭ އެންމެ ބޮޑު އޮފަރ ލިބިގަންނަވާ!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ފިހާރަތަކުގައި އަޅުވައިފައި ހުންނަ އަހަރީ ސޭލްއާއި އެހެނިހެން މުނާސަބަތުތަކާ ގުޅުވައިގެން އޮންނަ ޚާއްޞަ ސޭލްތަކަކީ އަހަރެމެންގެ ގިނަ ބައެއްގެ ނަޒަރު ހުއްޓޭ ކަމެކެވެ. އެހެނީ ގެއަށް ބޭނުންވާ ސާމާނުތަކާއި ޒަރޫރީ ގިނަ ސާމާނުތަކެއް ވަރަށް ހެޔޮ އަގުގައި އެ ސޭލްތަކުން ލިބިގެން ދެއެވެ.

Ads by Sosun Fihaara

މާދަމާ މި އޮތީ އެ ހުރިހާ ސޭލްތަކަށް ވުރެ މޮޅު އަދި ވަރުގަދަ ވިޔަފާރިއެއް އޮތް ދުވަހެކެވެ. ފައިސާއެއް އަތުން ހޭދަ ނުކޮށް މާ ބޮޑު ބަދަލެއް ލިބެން އޮތް ދުވަހެކެވެ. މާދަމާ ނުވަތަ މިއަހަރުގެ އަރަފާތު ދުވަހު ، އަހަރެމެންނަށް ލިބިގެން ދަނީ ޙަޔާތުގެ މަޤުޞަދުކަމުގައިވާ އާޚިރަތުގެ ލައްޒަތު ލިބިގަތުމުގެ ތަނަވަސް ފުރުޞަތެވެ.

އެކި ދުވަސްތަކާއި އެކި ތަންތަން ﷲ ތަޢާލާ މާތް ކުރެއްވިި ފަދައިން އަރަފާތު ދުވަހަކީ ﷲ ތަޢާލާ އެންމެ މާތް ކުރެއްވި ދުވަހެވެ. އެ ދުވަހަކީ ހުރިހާ ޙައްޖާޖީން ޢަރަފާތު ބިމަށް ޖަމާވެ ، ﷲގެ ތަނަވަސް މަޣްފިރަތަށް އެދޭ ދުވަހެވެ. އެއީ އެންމެ ގިނަ ބަޔަކު ނަރަކައިން މުއްތި ކުރެވޭ ދުވަހެވެ.

ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން އައިސްފައިވާ ޙަދީޘް ބަސްފުޅެއްގައި އައިސްފައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. އަރަފާތު ދުވަހަށް ވުރެ ގިނައިން ، އަޅުތަކުން ނަރަކައިން މުއްތި ކުރައްވާ އެހެން ދުވަހެއް ނުވެއެވެ.

އަރަފާތު ދުވަހު އޮތް މޮޅު ވިޔަފާރިއަކީ ހަމައެކަނި ޙައްޖާޖީންނަށް އޮތް ކަމެއް ނޫނެވެ. 13 ވަރަކަށް ގަޑިއިރުގެ ރޯދައަކުން އަހަރެމެންނަށް ލިބެން އޮތީ ތަނަވަސް ދެއްވުމެކެވެ.

އަބޫ ޤަތާދާ އަލްއަންސާރީ ރަޟިޔަﷲ އަންހު ރިވާ ކުރެއްވިއެވެ. ޢަރަފާތު ދުވަހުގެ ރޯދައާ ގުޅޭ ގޮތުން ރަޞޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ސުވާލު ދެންނެވުނެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. އަރަފާތު ދުވަހުގެ ރޯދައަކީ ވޭތުވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަތައް ފުއްސަވާ ޢަމަލެކެވެ.

އަހަރެމެންގެ ތެރެއިން މިދިޔަ އަހަރު ފާފަ ނުކުރަނީ ކޮންބައެއްތޯއެވެ. މި އަންނަ އަހަރު ފާފަ ނުކުރާނެ ކަމުގެ ޔަގީންކަން އޮތީ ކޮން ބަޔަކަށް ހެއްޔެވެ. ޔަގީނުން ވެސް އެފަދަ މީހަކު ނުވާނެއެވެ. ވީއިރު މާދަމާ މިއޮތީ ރަނުގެ ވިޔަފާރިއެއް ލިބިފައެވެ. އަހަރުގެ ތެރޭ އަންނާނެ އެންމެ ބޮޑު "ސޭލް" މާދަމާ އޮންނާނެއެވެ. ރޯދަ ހިއްޕަވައި ތަނަވަސް ބަދަލެއް ހޯއްދަވާށެވެ. ދެ އަހަރުގެ ފާފަ ފޮހެވި ނަރަކައިން މުއްތިވުމުގެ ހެޔޮ ނަޞީބު ލިބިގަތުމަށް މަސައްކަތް ކުރައްވާށެވެ.

މި ހެޔޮކަން ހޯދުމަށް މަސައްކަތް ކުރުމަށް އަމިއްލަ ނަފްސަށާއި އެންމެހައި އަޚުންނާއި އުޚުތުންނަށް ނަޞީޙަތްތެރިވެ ވަޞިއްޔަތް ކުރަމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!