ފިރިމީހާގެ ސަބަބުން ހިތް ހަލާކުވެފައިވީ ނަމަވެސް ފިލްމް ބެލުމަށް ފޭނުންގެ ކިބައިން ޝިލްޕާ އެދެފި

ބަރަހަނާ ފިލްމް އުފެއްދުމުގެ ކުށުގައި ހައްޔަރުކޮށްފައިވާ އިންޑިޔާގެ ވިޔަފާރިވެރިޔާ އަދި މަޝްހޫރު ފިލްމީ ތަރި ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާގެ ސަބަބުން ހިތް ހަލާކުވެ ޝޫޓިންތަކާ ދުރަށްގޮސްފައިވީ ނަމަވެސް ފިލްމު "ހަންގާމާ 2" ބެލުމަށް ފޭނުންގެ ކިބައިން ޝިލްޕާ ޝެޓީ އެދެފިއެވެ.
ދިގު މުއްދަތަކަށް ފިލްމު ކުޅުމުގައި ދުރުގައި ހުރުމަށް ފަހު ޝިލްޕާ ކުޅުނު ފިލްމު "ހަންގާމާ 2" މިއަދު ޑިޒްނީ ހޮޓްސްޓާގައި ވަނީ ރިލީޒް ކޮށްފައެވެ.
ހަންގާމާ 2 މިއަދު ރިލީޒްކޮށްފައި ވާއިރު ޝިލްޕާގެ ފިރިމީހާ ރާޖް ކުންދުރަ ވަނީ ބަރަހަނާ ފިލްމު އުފެއްދުމުގެ ކުށުގައި ހައްޔަރުކޮށް މި ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގެ މުއްދަތު ޖަހައިފައެވެ.
"ދިމާވި ކަންތައްތަކުގެ ސަބަބުން ފިލްމް ސަފަރ ކުރާކަށް ނުޖެހޭ. މި ފިލްމަކީ ވަރަށް ގިނަ ބައެއްގެ މަސައްކަތް. އަހަރެން އެދެން ހުރިހާ މީހުން ވެސް ފިލްމު ބަލަން" ޝޯސަލް މީޑިޔާގައި ޝިލްޕާ ކުރި ޕޯސްޓެއްގައި ޝިލްޕާ ބުނެފައިވެއެވެ.
ޕްރިޔަދަރުޝަން ޑައިރެކްޓް ކޮށްފައިވާ މި ފިލްމު، ޝިލްޕާ އާއެކު ޕަރޭޝް ރަވާލްގެ އިތުރުން މީޒާން ޖާފެރި އަދި ޕަރިނީތާ ޝުބާސް ފެނިގެންދެއެވެ. އަދި މިފިލްމަކީ ހެއްވާ މަޖާ ކަންތައްތަކެއް ދަައްކުވައިދޭ ރޮމެންޓިކް ކޮމެޑީއެއްކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.