Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރޮޒައިނާ ފަދަ "އިޑިއަޓް"އަކާ ޒުވާބު ކުރުމުގެ މާނައެއް ނެތް: ރައީސް ނަޝީދު

ރޮޒައިނާ ފަދަ "އިޑިއަޓް"އަކާ ޒުވާބު ކުރުމުގެ މާނައެއް ނެތް: ރައީސް ނަޝީދު

އެމްޑީޕީގެ އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒައިނާ އާދަމްއާ ޒުވާބު ކުރެއްވުމުގެ ބޭނުމެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އެމަނިކުފާނުގެ ކޮއްކޯފުޅު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަރިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕްގެ ސްކްރީންޝޮޓްތަކެއް މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު، މި ސްކްރީންޝޮޓްތަކުގައި ރައީސް ނަޝީދު ވަނީ އީވާ އަރިހުގައި، "ރޮޒައިނާމެން ފަދަ އީޑިއަޓުންނާ ޒުވާބު ނުކުރަން" ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވެސް މާލެ ތެރޭގައި އުޅޭ ބައެއް މީހުންގެ ވާހަކަތަކަށް ރައްދު ނުދީ ދޫކޮށްލާ ކަމަށް ވިދާޅުވިއެވެ.

ރޮޒައިނާއާ ދިމާޔަށް ރައީސް ނަޝީދު މިހެން ވިދާޅުވީ ކީއްވެ ކަމެއް އެނގޭ ގޮތެއް ސާފެއް ނުވެއެވެ. ނަމަވެސް ރޮޒައިނާ ދަނީ ރައީސް ނަަޝީދަށް ފާޑު ވިދާޅުވެ ރައީސް ޞާލިޙަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ. މިކަމާ ގުޅިގެން ރޮޒައިނާގެ ބަހެއް ހޯދަން "ދެން"އިން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

Advertisement
Ooredoo — Truecaller (box)

ރޮޒައިނާއާ އެމްޑީޕީގެ ބައެއް މެންބަރުންނާ މީސްމީޑިއާގައި މިދުވަސްކޮޅު ދަނީ ހޫނުކޮށް ބަހުސް ކުރަމުންނެވެ. އެގޮތުން މި ސަރުކާރުން ހަރުކަށި ފިކުރަށް ތާއީދު ކުރާ ކަމަށް ދެކެވޭ ވާހަކަތަކާއި ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާ މި ސަރުކާރުން ނުބަލާ ދޫކޮށްލާނެ ކަމަށް ދެކެވޭ ވާހަކަތަކަކީ ގަބޫލު ކުރައްވާ ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވެ ރޮޒައިނާ ދަނީ ޓްވީޓް ކުރައްވަމުންނެވެ. އަދި ރައީސް ޞާލިޙް ދިފާޢު ކުރައްވާ، ރައީސް ނަޝީދަށް ބަހުގެ ހަމަލާތައް ވެސް މީޑިއާ މެދުވެރިކޮށް އެކަމަނާ ދެއްވައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް