މިދިޔަ 8 އަހަރު އަހަރެން ދިރިހުރި ހާލެއް އަހަންނަކަށް ވެސް ނޭނގޭ: ސޫރަޖް

ބޮލީވުޑްގެ ތަރި ޖިއާ ހާންގެ މަރުގެ ތުހުމަތު އަމާޒުވި ސޫރަޖް ޕަންޗޯލީ ، ޖިއާ ޚާން މަރާ ބެހޭގޮތުން ވާހަކަ ދައްކައިފިއެވެ.
2013ވަނަ އަހަރު އަމިއްލައަށް ދަންޖެހިގެން މަރުވި ޖިއާ ޚާންގެ މައްސަލަ އިންޑިޔާގެ ސްޕެޝަލް ސީބީއައި ކޯޓަށް ބަދަލުކުރުމާ އެކު ކުޑަ ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށާއި އެ މައްސަލަ އެންމެ ފުރަތަމަ ވެސް ބަލަން ޖެހޭނީ ސްޕެޝަލް ސީބީއައި ކޯޓުން ކަމަށް ގަބޫލު ކުރާ ކަމަށް ބޮލީވުޑްގެ ކާމިޔާބު ތަރި އަދިތުޔަ ޕަންޗޯލީގެ ދަރިފުޅު ސޫރަޖު ބުންޏެވެ.
"މިއީ އަހަރެންނަށް ލިބުނު ކުޑަ ހިތްހަމަޖެހުމެއް. އެމައްސަލަ އެންމެ ފުރަތަމަ ވެސް ބަލަން ޖެހޭނީ ސްޕެޝަލް ސީބީއައި ކޯޓުން ކަމަށް އަހަރެން ގަބޫލުކުރަނީ. އަހަރެން އުއްމީދު ކުރަނީ މައްސަލައަށް އަވަސް ނިމުމެއް އަންނާނެކަމަށް. އަހަންނަށް ކުށް ސާބިތު ވާނަމަ އަދަބު ދޭންވީ އެހެން ނޫންނަމަ މި ތުހުމަތުތަކުން މިންޖުވުން އަހަރެން ވެސް ބޭނުން. އެއީ އަހަރެންގެ ހައްގެއް" ސޫރަޖު ބުންޏެވެ.

ސޫރަޖު ބުނި ގޮތުގައި ތުހުމަތުތަކާ އެކު މިދިޔަ 8 އަހަރު އޭނާ ދިރިއުޅެން ޖެހުނު ހާލެއް ބުނެދެން ވެސް ނޭނގެއެވެ. 2013ވަނަ އަހަރު ޖިއާ ޚާން އަމިއްލައަށް މަރުވިއިރު އެނާ އުޅުނީ ސޫރަޖުއާ ރައްޓެހިވެގެން ކަމަށް ޚަބަރުތައް ފެތުރުނެވެ. އަދި އޭނާ މަރުވަމުން ލިޔެފައިވާކަމަށް ބުނާ ސުއިސައިޑް ނޯޓެއްގައި ސޫރަޖު އޭނާއާ މެދު ކަންތައް ކުރީ ރަނގަޅަށް ނޫންކަމަށް ބުނެފައިވާ ކަމަށާއި މާބަނޑުވުމުން ސޫރަޖު އެދިގެން އެބޯޝަން ހެއްދި ކަމަށްވެ ސް އެނޯޓްގައި ޖިއާ ލިޔެފައިވާކަމަށް އޭރު ވަނީ ޚަބަރު ފެތުރިފައެވެ.