ޚަބަރު ސިޔާސީ

ޖާބިރުގެ އިންޒާރެއް ފާރިސަށް : ދެން އިންސާފު ޤާއިމް ކުރާނީ އަމިއްލައަށް، ފާރިސްގެ ގެޔަށް ވެސް ވަންނާނަން، މުދާތައް ވެސް ނަގާނަން!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަތުން، އަނބުރާ ދައްކަވާ ގޮތަށް ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ، ނެންގެވީ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ލައްވާ ކަމަށާއި ފައިސާ އަނބުރާ ހޯއްދެވުމަށް ކުރައްވަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ޖާބިރު ވިދާޅުވެއްޖެއެވެ.

Ads by STELCO

މައުމޫން ދިރިއުޅުއްވާ ކިނބިގަސްދޮށުގެއަށް ވަޑައިގެން، އެ ގޭ ދޮރުމަތީގައި އޮތް މައު ވެލެއް ހަލާކުކޮށްލައްވައި ޖާބިރު ވިދާޅުވީ، "މިހާރު އަޅުގަނޑު މިހިރީ ކިނބިގަސްދޮށުގެއާ ހަވާލުވެގެން." ކަމަށެވެ.

މިކަމާ ގުޅިގެން "ދެން"އިން ޖާބިރުއާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ފައިސާ ނެންގެވީ މައުމޫންގެ ގެކޮޅު، މ. ކިނބިގަސްދޮށުގެ މޯގޭޖްކުރައްވައިފައި ކަމަށާއި ފައިސާ ނުދެއްކެވުމުން އެ ގެ ލިބިވަޑައިގަންނަވާނެ ކަމަށެވެ.

މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ފައިސާ ދެއްވުމަށް މައުމޫންއަށް ޖާބިރުވަނީ އަންގަވައިފައެވެ. އަދި އެ މައްސަލަ ކޯޓަށާއި ފުލުހުންނަށް ވެސް ހުށަހަޅުއްވައިފައިވެއެވެ. އެހެން ނަމަވެސް މައުމޫންގެ އަތްޕުޅުން ފައިސާ ނެންގެވިކަމަށް ޖާބިރު ވިދާޅުވާ ވާހަކަތައް މައުމޫން ވަނީ މީގެ ކުރިން ދޮގު ކުރައްވައިފައެވެ. ޖާބިރު ފުލުހުންނަށް މައްސަލަ ހުށަހެޅުއްވުމުން މައުމޫން ލީޑަރުކަން ކުރައްވަމުން ގެންދަވާ، އެމްއާރުއެމްއިން މީގެ ކުރިން ވިދާޅުވެފައި ވަނީ،  ޖާބިރު އެއްވެސް ފައިސާއެއް، މައުމޫނަށް އަދި އެމްއާރުއެމްގެ ޓީމުގެ މީހަކަށް ވެސް ދެއްވައިފައި ނުވާ ކަމަށެވެ.

ޖާބިރު "ދެން"އަށް ވިދާޅުވީ، ރައީސް މައުމޫނާ އެކު ފައިސާ ދިނުމާ ގުޅޭ މަޝްވަރާތައް ބޭއްވީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ހުންނަ ހޮޓަލެއްގައި ކަމަށެވެ. އަދި ފައިސާގެ ބޮޑު ބައެއް ރައީސް މައުމޫނާއި ހަވާލުކުރެއްވުމުގެ ޒިންމާ ނެންގެވީ އޭނާގެ އަނބިކަބަލުން ދިޔާނާ ސަޢީދު ކަމަށާއި ރައީސް މައުމޫންގެ އެދިވަޑައިގަތުމުގެ މަތިން ދިނާޔާ މެދުވެރިކޮށް ފާރިސް މައުމޫންއާ ފައިސާ ހަވާލު ކުރި ކަމަށް ޖާބިރު ވިދާޅުވިއެވެ.

"އަޅުގަނޑު ކުރި ބުރަ މަސައްކަތުން ހޯދި ލާރި، ދަތިފުޅުވެ ވަޑައިގެން މައުމޫން އާދޭސް ކުރީމަ، ގެ މޯގޭޖްކޮށްފައި އަޅުގަނޑު މައުމޫނަށް ދިނިން" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު މީގެ ކުރިން ވަނީ މީގެ ކުރިން މައުމޫނަށް ވަރަށް ބޮޑަށް އިޙްތިރާމް ކުރައްވާ ކަމަށާއި އެހެން ނަމަވެސް މިހާރު އިޙްތިރާމް ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މައުމޫނަކީ ރަންނަމާރިއެއް ގޮތަށް ޖާބިރު ސިފަ ކުރެއްވިއެވެ.

"މައުމޫނަކީ ރާއްޖޭގައި 30 އަހަރު ވެރިކަން ކޮށްފައި ހުރި ރަންނަމާރިއެއް. ރަންނަމާރިއެއްތާ ދޮގު ހަދާނީ. ރަންނަމާރިންތާ ކުޑަކުދިން ގެންގޮސް ގަޔަށް އަރާފަ، ވިދާޅުވަނީ އެއީ ރަންނަމާރިއޭ. އޭރުގެ ރަސްގެފާނު އެގޮތަށް އުޅުއްވީ. އެފަދަ ވައްތަރަކަށް މައުމޫން އޮޕަރޭޓް އެ ކުރައްވަނީ. މައުމޫން ފަދަ ޖައްލާދެއް އަޅުގަނޑު ނުދެކެން." ޖާބިރު ވިދާޅުވީ، މައުމޫނާއި މައުމޫންގެ ދަރިންނަކީ ވެސް ދައުލަތުން ވައްކަންކޮށްފައި ތިބި ވަގުން ކަމަށެވެ.

ޖާބިރުގެ ވާހަކަފުޅުގައި ވަނީ ފާރިސްއަށް އިންޒާރު ދެއްވައިފައެވެ. މިގޮތުން ވިދާޅުވެފައި ވަނީ، ޖާބިރުގެ އަތުން ނެގި ފައިސާ އަނބުރާ ނުދައްކަވައިފި ނަމަ، ފާރިސްގެ ގެޔަށް ވެސް ދާނެ ކަމަށާއި އޭނާގެ މުދާތަކާއި ސާމާނުތައް ވެސް ނަގާނެ ކަމަށެވެ. އަދި ފުލުހުންނާއި ކޯޓުން ޖާބިރުއަށް އިންސާފު ލިބިވަޑައި ނުގެންނެވި ކަމަށާއި ދެން އިންސާފު ހޯދާނީ އަމިއްލައަށް ނިކުމެވަޑައިގެން ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ، ފާރިސް މައުމޫން އުޅުއްވަނީ ފިއްލަވައިގެން ކަމަށެވެ. އަދި ފާރިސްގެ މައްސަލަ ބައްލަވަން ކޮމިޝަނަރ އޮފް ޕޮލިސްއަށް ކެރިވަޑައިނުގަންވަނީ، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ ދަށުވެ ވަޑައިގެން ހުންނަވާތީ ކަމަށް ޖާބިރު ތުހުމަތު ކުރެއްވިއެވެ.

"ފާރިސް މައުމޫންގެ ހުރިހާ ސާމާނެއް އަޅުގަނޑު ނަގާނަން. އެއީ މިމައްސަލައިގައި އަދުލު އިންސާފެއް ޤާއިމެއް ނުކޮށްދެވުނު. ކޯޓުން ވެސް ޗައްކަރު ޖަހަނީ. ފުލުހުން މި މައްސަލައެއް ނުބެލި. ދިޔާނާގެ ބަޔާން ނަގައިފި. ހެކިންގެ ބަޔާން ނަގައިފި. އެކަމަކު ފާރިސްގެ ބަޔާން ނަގަން ނުކެރުނު. އަމިއްލައަށް އަދުލު އިންސާފު ޤާއިމް ކުރާނީ. ދެން ދާނީ ފާރިސް މައުމޫން ދިރިއުޅޭ ގެޔަށް ވަންނަން. އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް އެންދެރިމާގެޔަށާއި ފާރިސް ހުންނަ ގެޔަށް ވަދެ، ފާރިސްގެ ހުރިހާ ސާމާނެއް ނަގާ، މުދަލެއް ހުރިއްޔާ އެ އެއްޗެއް ނަގާނަން." ޑީއާރުޕީގެ ލީޑަރު ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ ވާހަކަފުޅުގައި އެ މަނިކުފާނު ފައިސާ ދެއްވި އިތުރު ބޭފުޅުންގެ ނަންތައް ހާމަކުރައްވައި ވިދާޅުވީ، އެ ހުރިހާ އެންމެންގެ މައްޗަށް ދަޢުވާ ކުރައްވާނެ ކަމަށެވެ.

"އިބްރާހީމް މުޙައްމަދު ޞާލިހަށް އަޅުގަނޑު އެތައް މިލިޔަނެއް ދިނިން. ރައީސް މުޙައްމަދު ނަޝީދަށް އެތައް މިލިޔަނެއް ދިނިން. ޤާސިމް އިބްރާހިމް ފަސް މިލިޔަން ނަގާފައި އެ ހުރީ. މިހުރިހާ އެންމެން މައްޗަށް ދަޢުވާ ކުރަމުން މިދަނީ" ޖާބިރު ވިދާޅުވިއެވެ.

Ads by HDC
  1. މޯޑު

    ބޭންކް އޮފް ޖާބިރު

  2. އަޙްމަދު ނަޝީދު

    އަސްލު ޖާބިރަށް ވެގެން މިއުޅެނީ ކީއްބާ!

  3. ބާލައާދަނު

    ޖާބިރު ތަސައްރުފު ނުފުރޭތީ ވާގޮތް.