ދީން

ކާމިޔާބަށް އެދޭ މީހާ ޢަމަލުކުރަން ޖެހޭ ހަތަރުކަމެއް!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އިންސާނާގެ އުއްމީދަކީ އޭނާއަށް އަބަދުވެސް ހެޔޮ ގޮތް ވުމެވެ. ހިތް ފަސޭހަ ، އުފާވެރި ދިރިއުޅުމެއް ލިބުމެވެ. ދުނިޔެ މަތީގައި ތިމާ ކުރަން ބޭނުންވާހާ ކަންތައް ފަސޭހައިން ވުމެވެ. ހަމަ އެހެންމެ އާޚިރަތުގެ ފަލާޙް މިންވަރު ކުރެއްވުމެވެ.

Ads by STELCO

މިއީ ކަން އޮތް ގޮތް ނަމަވެސް ، ހިތި ޙަޤީޤަތަކީ އިންސާނާގެ އުޅުމާއި ގުޅުން ބައްޓަން ކުރާ ގޮތެވެ. ކާމިޔާބު އެދޭ މީހާ ވެސް ކާމިޔާބުގެ މަގުގައި ނުހިނގައެވެ. ދިރިއުޅުމުގައި އެތައް ކަމެއް ޙާޞިލް ކުރާން ބޭނުންވާ ނަމަވެސް ޙަޤީޤަތަކީ އޭނާ ދަތުރުކުރަމުންދަނީ އެ ކަންކަމާ ދުރަށެވެ.

ކާމިޔާބާއި ފަލާޙަކީ ﷲ ތަޢާލާ މިންވަރު ކުރައްވާ އެއްޗެކެވެ. ވީިއިރު އެ އިލާހުގެ ގޮވައިލުންތަކުން ފުރަގަސްދީފައި އަހުރެމެންނަށް ދެން ހޯދެން އޮތީ ކޮން ކާމިޔާބެއް ހެއްޔެވެ؟

ޙަސަނުލްބަޞަރީގެ ތަޤުވާވެރިކަމާ ގުޅޭ ގޮތުން އެކަލޭގެފާނާ ސުވާލު ކުރެވުނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

"ހަތަރުކަމެއް އަހުރެންނަށް އެނގެއެވެ. އަހުރެންނަށް އޮތް ރިޒުޤެއް އެހެން މީހަކަށް ނުހޯދޭނެކަން އެނގެއެވެ. އެކަމުން އަހުރެން ހިތްހަމަޖެހެއެވެ. އެހެން އެއްވެސް މީހަކު ، އަހުރެންގެ ބަދަލުގައި އަހުރެންނަށް ހެޔޮ ޢަމަލު ނުކޮށްދެވޭނެކަން އެނގެއެވެ. އެހެންވެ އަހުރެން ހެޔޮ ޢަމަލުތައް ގިނަ ކުރަމެވެ. އަހުރެންގެ ކޮންމެ ހަރަކާތެއް ﷲ ތަޢާލާ ބައްލަވާ ވޮޑިގެންވާކަން އަހުރެންނަށް އެނގެއެވެ. އެހެންވެ ނުބައި ޢަމަލުތައް ކުރުމަށް އަހުރެން ލަދުވެތިވެއެވެ. މަރު އަހަންނަށް އިންތިޒާރު ކުރަމުންދާކަން އަހުރެންނަށް އެނގެއެވެ. އެހެންކަމުން ﷲ ތަޢާލާއާ ބައްދަލުކުރުމަށް އަހުރެން ތައްޔާރުވަމެވެ."

މިއަދު އަހަރެމެންގެ ދިރިއުޅުމުގައި މަދު ވަނީ މިފަދަ ސިފަތަކެވެ. ﷲއަށް ވަކީލު ކުރުން ކުޑަވުމާއި ހެޔޮ ޢަމަލުތަކުން ފޭވުމާއި ބޮޑެތި ފާފަތަކަށް އަރައިގަތުން ފަދަ އެތައް ކަމެއް މި ވަނީ އާންމުވެފައެވެ. އެންމެން ވެސް އެ އެއްޗެއް ފަހަތުން ދުވާ އެއްޗަކީ އުފާވެރިކަން ކަމަށްވީއިރު އަހަރެމެންނަށް އޮތީ ނަފްސު އިޞްލާޙް ކުރުމެވެ. ކާމިޔާބު ދެއްވާ ﷲ ތަޢާލާ އެންގެވި މަގުން ހިނގައި އެ މަގުން ކާމިޔާބު ހޯދާން މަސައްކަތް ކުރުމެވެ. އޭރުން ކާމިޔާބު އެމީހެއްގެ ފަހަތުން އަންނާނެއެވެ. ދެއްވި މިންވަރެއްގެ މައްޗަށް ރުހި އުފާވެރިކަން އިހްސާސް ކުރެވޭނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!