އެންމެ މަޝްހޫރު "ސްޓާ ކިޑްސް" ބޮލީވުޑަށް ނެރެނީ ޒޯޔާ!

ބޮލީވުޑްގެ އެންމެ ކާމިޔާބު ތަރިންގެ ދަރިން ނުވަތަ މަޝްހޫރު ގޮތުންނަމަ "ސްޓާ ކިޑްސް"އަށް ލިބޭ މަޝްހޫރުކަމަކީ އެ ކުދިންގެ މައިންބަފައިންނަށް ލިބޭ މަޝްހޫރުކަމާ ދާދި އެއްވަރުގެ ނުވަތަ އެއަށް ވުރެ ބޮޑު މަޝްހޫރުކަމެކެވެ.
ސްޓާ ކިޑްސްގެ ތެރެއިން މަޝްހޫރު ބައެއް ކުދިން ބޮލީވުޑަށް ނުކުމެ ބޮލީވުޑްގައި ކާމިޔާބު ހޯދަމުން ދާއިރު އަދިވެސް ނުކުތުމުގެ މަގުމަތީގައި ހާއްސަ ކުދިން އެބަތިއްބެވެ. މިގޮތުން ޝާހްރުކް ހާންގެ އަންހެން ދަރިފުޅު ސުހާނާ ޚާންއާއި ސްރީ ދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރާއި ސައިފް އަލީ ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހިމް އަލީ ޚާން ބޮލީވުޑަށް ނުކުންނަން އުޅޭކަމުގެ އަޑުތައް އަނެއްކާ ވެސް މިވަނީ ގަދަވެފައެވެ.
އިންޑިޔާގެ ނޫސްތަކުން ބުނާ ގޮތުގައި ބޮލީވުޑްގެ މަޝްހޫރު ޅެންވެރިޔާ އަދި ސްކްރީން ރައިޓަރ ޖާވިދު އަޚްތަރުގެ އަންހެން ދަރިފުޅު ކަމުގައިވާ ޒޯޔާ އަޚްތަރް މިހާރު އަންނަނީ ސުހާނާ ޚާންއާއި ހުޝީ ކަޕޫރު ބޮލީވުޑަށް ނުކުންނަ ފިލްމްގެ މަސައްކަތަށް ތައްޔާރުވަމުންނެވެ. އަދި މި ފިލްމުން އިބްރާހިމް އަލީ ޚާން ފެނުމަކީ ވެސް ވަރަށް ގާތް ކަމެއްކަމަށް ހަބަރުތައް ބުނާއިރު މިފިލްމަކީ ނެޓްފްލިކްސްއާއި ގުޅިގެން އުފައްދާ ފިލްމެއްކަމަށް ވެސްް ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް ފިލްމާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ޒޯޔާ ހާމަކޮށްފައެއް ނުވެއެވެ.

ޑައިރެކްޓަރ ޒޯޔާ އަހްތަރް
ބޮލީވުޑްގައި މިހާރު ވެސް ކާމިޔާބު ސްޓާ ކިޑްސް ތިބި އިރު މީގެ ތެރޭގައި ފާހަގަކޮށްލެވޭ ފަންނާނުންގެ ތެރޭގައި ހުޝީ ކަޕޫރުގެ ބޭބެ އަރްޖުން ކަޕޫރާއި ދައްތަ ޖާންވީ ކަޕޫރުގެ އިތުރުން ، އިބްރާހިމް އަލީ ޚާންގެ ދައްތަ ސާރާ އަލީ ޚާން ހިމެނެއެވެ. އަދި މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރާއި ސްރައްދާ ކަޕޫރުގެ އިތުރުން ޓައިގަރ ޝްރޮފްއަކީ ވެސް ވެސް ފާހަގަކޮށްލެވޭ "ސްޓާ ކިޑެކެވެ."