އޭޝިއާ ދުނިޔެ

ކޮވިޑް އަދަދުތައް މަދުނުވި ނަމަވެސް ޕިލިޕީންސްގައި ފިޔަވަޅުތަކަށް ލުއިދީފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފިލިޕީންސްގެ ރައީސް ޑުޓާޓޭ/ ފޮޓޯ: ރޮއިޓާސް

ފިލިޕީންސްގެ ކޮވިޑް-19ގެ ހާލަތު ރަނގަޅު ނުވި ނަމަވެސް އެގައުމުގައި އަޅައިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދީ އެގައުމުގެ ލޮކްޑައުން އުވައިލައިފިއެވެ.

Ads by Sosun Fihaara

ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ވަނީ އެ ގައުމުގެ މައި ސިޓީގައި އަޅައިފައިވާ ފިޔަވަޅުތަކަށް މިއަދުން ފެށިގެން ލުއިދީފައެވެ.

ގައުމު އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ކަމަށް ވިދާޅުވެ ރައީސް ޑުޓާޓޭ އެގައުމުގައި އަޅައިފައިވާ ފިޔަވަޅުތަކަށް ލުއި ދީފައި ވަނިކޮށް އެގައުމުގައި އިއްޔެ އެކަނި ވެސް ވަނީ 17،231 މީހަކަށް ކޮވިޑް-19 ޖެހިފައެވެ. އަދި އިއްޔެ އެކަނި ވެސް ކޮވިޑް-19ގެ ސަބަބުން 317 މީހަކު ވަނީ އެގައުމުން މަރުވެފައެވެ. މިއީ މިދިޔަ ހަތަރު މަހުގެ ތެރޭގައިވެ އެގައުމުން އެއްދުވަހުގެ ތެރޭގައި ކޮވިޑް ޖެހިގެން މިހާ ގިނަ މީހުން މަރުވި ފުރަތަމަ ފަހަރެވެ.

ކޮވިޑް-19ގެ ސަބަބުން ފިލިޕީންސްގެ ހޮސްޕިޓަލްތަކުގެ އައިސީޔޫތަކުގެ 73 އިންސައްތަ މިހާރު ވެސް ފުރިފައިވާއިރު އައިސޮލޭޝަން ފެސިލިޓީތަކުގެ 61 އިންސައްތަ ވެސް ފުރިފައިވާ ކަމަށް އެގައުމުގެ ސިއްހީ އިދާރާތަކުން މަައުލޫމާތު ދެއެވެ.

ފިލިޕީންސްގައި 1.8 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައި ވާއިރު މިހާތަނަށް އެގައުމުން 31،198 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. އަދި އެގައުމަކީ އޭޝިޔާ ބައްރުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް-19 ޖެހުނު އެއް ގައުމެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ގައުމު ކަމުގައިވާ ޗައިނާއަށް ފަހު ފިލިޕީންސްއަކީ ދުނިޔެއިން ދެވަނައަށް ލޮކްޑައުންކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރި ގައުމުކަން ވެސް ފާހަގަކޮށްލެވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!