ބަރުލަމާނީ ޕެޓިޝަނުގައި މަޖިލީހުގެ 8 މެމްބަރަކު ސޮއިކޮށްފި
ރާއްޖޭގެ ގާނޫނުއަސާސީއަށް އިސްލާހު ގެނެސް، ބަރުލަމާނީ ނިޒާމު ގެންނަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ގޮވައިލައި ވެރިކަން ކުރާ އެމްޑީޕީގެ ތެރޭގައި ރައީސަށް ހުށަހަޅާ ޕެޓިޝަންގައި މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ 8 މެންބަރަކު ސޮއިކޮށްފިއެވެ.
ގާނޫނީ ވަކީލު އަހުމަދު ނިޝާން އިބްރާހީމް, “ސަން”އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިހާތަނަށް ބަރުލަމާނީ ޕެޓިޝަންގައި މަޖިލީހުގެ 8 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށާއި މި ވީ ގާތްގަނޑަކަށް 36 ގަޑިއިރުގެ ތެރޭގައި މުޅި ރާއްޖެއަށް އެ ޕެޓިޝަން ފަތުރައިލެވިފައިވާ ކަމަށެވެ. އަދި އަމާޒަކީ 100 ދުވަސް ތެރޭ، އެއްލައްކަ މީހުންގެ ސޮއި ހަމަކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިހާތަނަށް ބަރުލަމާނީ ޕެޓިޝަންގައި ސޮއިކޮށްފައިވާ މަޖިލީހުގެ އަށް މެންބަރުންނަކީ، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ)، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ، މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު، ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) އަދި ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށާއި ބޮޑުވަޒީރު ކަމަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ބަރުލަމާނީ ނިޒާމެއް ގެންނަން އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެސް ބޭނުންފުޅުވެ ވަޑައިގަންނަވާނެ ކަމަށާއި އެކަން ކުރައްވާނީ އިދިކޮޅު ޕީޕީއެމްއާ އެކުގައި ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ބަރުލަމާނީ ވެރިކަމުން ވާނެ ފައިދާ ޔާ ގެއްލުން ރައްޔިތުންނަށް ކިޔައިދީބަލަ ކަލޭމެން. ނޭނގޭ މީހުންނަށް ކިޔައިދިނީމާ ދޯ އެނގޭނީ.