މުސްތަފާ ޤާސިމަށް: ބަރުލަމާނީ ނިޒާމަކީ ރައްޔިތުންގެ ނިޒާމް، ދައުލަތް ނޮޅައިލާ ނިޒާމެއް ނޫން

ބަރުލަމާނީ ނިޒާމަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ނިޒާމު ކަމަށާއި، އެއީ ދައުލަތް ނޮޅައިލާ ނިޒާމު ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ މިފަދައިން ވިދާޅުވެފައި ވަނީ ބަރުލަމާނީ ނިޒާމް ގެންނަން އުޅެނީ ރައީސް ނަޝީދުގެ ސަޕޯޓަރުން އެ މަނިކުފާނު ބޭނުންފުޅުވެގެން ކަމަށާއި ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުވާން ހެޔޮ ނުވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ބަރުލަމާނީ ނިޒާމަކީ ދައުލަތް ނޮޅައިލައި، ވަކި މީހަކު އަޅުވެތިކޮށްގެން ގެންގުޅޭނެ ނިޒާމެއް ނޫން ކަމަށާއި، ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނަށް ފައިދާހުރި ގޮތްތައް ވާނީ ބަރުލަމާނީ ނިޒާމުން ކަމަށެވެ.
ޖުމްހޫރީ ޕާޓީން އާއްމުކުރި ވީޑިއޯ މެސެޖެއްގައި ގާސިމް ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި ހުރިހާ އެއްޗެއް އަޅާލާނީ އެއް ޖީބަކަށް ކަމަށެވެ. އަދި އެ ނިޒާމުގައި ދައުލަތް ހިނގުމުގައި ވަރަށް ގިނަ ހަރަދުތައް ހިނގާނެކަމަށާއި އެ ނިޒާމަކީ މިހާ ކުޑަކުޑަ ގައުމެއްގައި ކުރުން ބޭކާރު ހަރަދެއް ކަމަށާއި ރަމްޒީ މަގާމެއްގައި ހުންނަވާ ރައީސަށް ވެސް ބޮޑު ހަރަދެއް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމަކީ ސިޔާސީ ވަފާތެރި ކެހިވެރިން ގޮޅީގައި ސޭލް އަޅުވާ ނީލަން ނިއްމާލާ ނިޒާމް ފަސޭހައިން، މަމެންގެ ރައީސު ނިޒާމަކީ ވޯޓް ހޯދަން މަމެންގެ ކާރިޔަށް އަންނަ މޮޅުނިޒާމް !