ޝަރުޢީ ދާއިރާ

ޖަލަށް ލުމުން ރައީސް ޔާމީނަށް އޮތް ތާއީދު އިތުރުވާނެ: ފަނޑިޔާރު ފާއިޒް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މަނީ ލޯންޑަރިންގްގެ ކުށުގައި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗްގެ އިއްތިފާޤުން ފަސް އަހަރު ދުވަހަށް ޖަލަށް ލެވުނު ކުރީގެ ރައީސް ، ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާން ހުކުމް ކުރީ، އެ މަނިކުފާނަށް އެއަށް ވުރެ ބޮޑު ގެއްލުމެއް ލިބިދާނެތީ ކަމަށާއި ޖަލަށް ލުމުން ރައީސް ޔާމީނަށް އޮތް ތާއީދު އިތުރުވެގެންދާނެ ކަމަށް، ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗްގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސެއިން ފާއިޒް ރަޝާދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ފަނޑިޔާރު ފާއިޒުގެ އޯޑިއޯއެއް ކަމަށް ބުނާ އޯޑިއޯއެއް ލީކްވެފައިވާއިރު، މި ރިކޯޑިން "ދެން"އަށް ވަނީ ލިބިފައެވެ. މި އޯޑިއާއާ އެކު މިއަދު އިތުރު ދެ ފަނޑިޔާރެއްގެ އޯޑިއޯ ވެސް ލީކްވެފައިވެއެވެ. މިކަމާ ގުޅިގެން އިދިކޮޅުން ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅައިފައެވެ.

ލީކްވި އޯޑިއޯގައި ފަނޑިޔާރު ފާއިޒު ކަމަށް ބުނާ މީހާ ވިދާޅުވެފައި ވަނީ، ސިޔާސީ މީހުންގެ މައްސަލަ ބެލުމަކީ ވަރަށް ފާޑެއްގެ ކަމެއް ކަމަށެވެ. އަދި މައްސަލަ ނިންމުމަށް ފަހު އެކަމާ މެދު ވިސްނާ ނުހަދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރަނގަޅު ނިންމުމެއް ވެއްޖިއްޔާމު ހުންނާނެ ހިތްހަމަޖެހުމެއް. ގޯސް ނިންމުމެއް ވެއްޖިއްޔާމު ހުންނާނެ އުނދަގުލެއް." ފާއިޒް ކަމަށް ބުނާ މީހާ ވިދާޅުވީ، ސިޔާސީ މައްސަލަ ބެލުމަށް ފަހު ރޭގަނޑު ހަމަނިދި ނުލިބޭ ކަމަށާއި އޭނާ ވެސް މިހާރު އުޅެނީ ނުނިދާ ކަމަށެވެ.

"އަހަރުމެންނަށް އޭތި އަނިޔާއަކަށް ވެދާނެ، ފެނިދާނެ. އަސްލަކީ އޭނައަށް އިނގޭނެ ހުރިހާ އެއްޗެއް." ރައީސް ޔާމީނަށް ކުރި ހުކުމަކީ ޔާމީންގެ މަސްލަތު ހިމާޔަތް ކުރަން ކުރި ހުކުމެއް ކަމަށް ރައީސް ޔާމީނަށް އެނގޭނެ ކަމަށް ފަނޑިޔާރު ފާއިޒު ކަމަށް ބުނާ މީހާ ވިދާޅުވިއެވެ. އަދި ވިދާޅުވީ،ހުކުމެއްކޮށް ޖަލުގައި ދުވަސްތައް ހޭދަކުރަން ޖެހުމުން ޔާމީނަށް އޮތް ތާއީދު އިތުރުވާނެ ކަމަށެވެ. އޯޑިއޯގައި ފާއިޒް ވިދާޅުވީ، ކަން ހިނގައި ދިޔަ ގޮތް 2023 ވަނަ އަހަރު ކިޔައިދޭނެ ކަމަށާއި ކުރި ކަމެއްކުރީ މަސްލަހަތަށް ޓަކައި ކަމަށެވެ.

ފަނޑިޔާރު ފާއިޒް ކަމަށް ބުނާ މީހާގެ ވާހަކައިގައި ފަނޑިޔާރުން ރަހީނުކުރި ކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން ވިދާޅުވީ، ފަނޑިޔާރުން ރަހީނު ކުރެވޭނެ ކިތަންމެ ގޮތެއް ހުންނާނެ ކަމަށާއި އޭނާ ރަހީނު ނުކުރި ނަމަވެސް އޭނާގެ އަނބިމީހާ ނުވަތަ ގާތް މީހަކު ރަހީނުކޮށްގެން ވެސް އެ އަމަލު ހިންގިދާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!