Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ރިޕޯޓް

11 މަހުގެ ކުއްޖާގެ މަރު: މުޅި އޮމަދޫ ކަރުނަ އެޅި މަރެއް

11 މަހުގެ ކުއްޖާގެ މަރު: މުޅި އޮމަދޫ ކަރުނަ އެޅި މަރެއް
ތުއްތުތުއްތު ޝުއައިބްގެ މަރާ އެކު އދ.އޮމަދޫއަށް ލިބުނު ކުއްލި ސިހުމުގައި މުޅި އޮމަދޫ އަދިވެސް ކަރުނަ އަޅަނީއެވެ. ތުއްތު ކުއްޖާގެ މަރާ އެކު"ދެން"އިން ވަނީ އެ ހާދިސާ ގާތުން ބަލައި ކަން ހިނގައި ދިޔަގޮތް ބަލައިފައެވެ. މިކަމުގެ މައިގަނޑު ބޭނުމަކީ ގޭތެރޭގައި ހަދައިފައި ހުންނަ މަސްފެންގަނޑު ފަދަ ތަންތަނުން ކުދީންނަށް އަނިޔާ ލިބުން އިތުރުވެފައިވާތީ އެކަންކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ.

މަސްފެންގަނޑުތަކަށް ވެއްޓި ކުޑަކުދިންނަށް ސީރިއަސް އަނިޔާ ލިބޭ

ގޭގޭގައި މަސްފެންގަނޑު ހަދައި އެ ބެލެހެއްޓުމަކީ ރާއްޖޭގެ ގިނަ ރަށްރަށުގައި އާންމު ކަމެކެވެ. ހިތްހަމަ ޖެއްސުމަށާއި ކުދީން އުފާކޮށްދިނުމުގެ ބޭނުމުގައެވެ. ނަމަވެސް ހިތާމައަކީ މިގޮތަށް ގޭގޭގައި ހަދައިފައި ހުންނަ މަސްފެންގަނޑުތަކަށް ވެއްޓި ކުޑަކުދިންނަށް ސީރިއަސް އަނިޔާތައް ވަމުންދާކަމެވެ. މިގޮތުން މިއަހަރުގެ މާރޗު މަހުގެ ތެރޭގައި ވަނީ މަސްފެންގަނޑަކަށް ވެއްޓުނު އުމުރުން 1 އަހަރާއި 4 މަހުގެ ކުއްޖަކު ސީރިއަސް ހާލަތުގައި ފަރުވާ ދީފައެވެ. އަދި މީގެ އިތުރުން މިދިޔަ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވެސް މަސްފެންގަނޑަކަށް ވެއްޓުނު އުމުރުން 1އަހަރާއި 3 މަހުގެ ކުއްޖަކު ވަނީ މާލެ ގެނެސް އައިޖީއެމް އެޗުގެ އައިސީޔޫގައި ފަރުވާ ދީފައެވެ. އަދި 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ވަނީ ދެ އަހަރުގެ ކުއްޖަކު މަސްފެންގަނޑަކަށް ވެއްޓުމުގެ ސަބަބުން ރާއްޖޭގައި ފަރުވާ ދިނުމަށް ފަހު ބޭރަށް ގެންގޮސްގެން ވެސް ފަރުވާ ދީފައިވެއެވެ.

ޝުއައިބްގެ މަރާއެކު އޮމަދޫ އަދިވެސް ސިހުމެއްގައި

އދ. އޮމަދޫ ޖަނަވަރީގޭގައި ހަދައިފައިވާ މަސްފެންގަނޑެއްގެ ތެރެއަށް މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ވެއްޓި އުމުރުން އެންމެ 11 މަހުގެ ޝުއައިބް ބިން ސަމީހްގެ މަރާ އެކު އޮމަދޫއަށް ލިބުނު ކުއްލި ސިހުމުގައި އަދިވެސް އެރަށު މީހުން ތިބިއިރު އާއިލާގެ ހާލަތު ވަޒަން ކޮށްލަން ވެސް ދައްޗެވެ. ހާދިސާ ހިނގުމާއެކު ޝޯޝަލް މީޑިޔާގައި ކުއްޖާގެ މައިން ބަފައިންނަށް އިހުމާލުގެ އިނގިލިތައް ދިއްކުރެވުނެވެ. އެހެން ނަމަވެސް ކަން ހިނގާ ދިޔަގޮތް ބަލާލީ މަދު މީހެކެވެ. "އެ ކުއްޖާގެ މަންމަ އަކީ ދަރިން ދެކެ ލޯބިވާ މަންމައެއް. މަންމަ އެކަންޏެއް ނޫން އެގޭ އެންމެން ވެސް އެކުދިން ގޮވައިގެން އުޅޭނީ. އާއްމުކޮށް އެކުދިން އެ މަސްފެންގަނޑާ ކައިރިވެސް ވަރަށް ނުވޭ. ހަމަ ނުވެސް ދެކެން. އެކަމަކު ކަމެއްވާން ވީމަ ކިތަންމެ ބެލިޔަސް. އިންސާނެއްވިއްޔާ ހަމަ ނިދި ޖެހިދާނެ. އިންސާނީ ތަބީއަތް އެއީ" ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް އަވަށްޓެރިއަކު "ދެން"އަށް މައުލޫމާތު ދިނެވެ. ނިޔާވި ޝުއައިބްގެ އާއިލާއާ ގާތް މީހަކު "ދެން"އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި ޝުއައިބް ނިޔާވި ހާދިސާ ހިނގިއިރު ޝުއައިބްގެ މާމައާއި ކާފަގެ އިތުރުން ބޮޑުދައިތަ ރަށަކު ނެތެވެ. ޝުއައިބްގެ މަންމައަކީ ގޭތެރޭގެ ހުރިހާ މަސައްކަތެއްހެން ކުރާ ހީވާގި މަންމައެކެވެ. ދަރިންދެކެ ލޯބިވާ މަޑުމައިތިރި ދެމަފިރިއެއްގެ ދަރިއަކު ވަކިވެގެން ދިޔުމުން އެ ދެމަފިރިންގެ ހާލަތު އަދިވެސް ހަމައަކަށް ނޭޅެއެވެ. "ވަރަށް ލޯބިކޮށް ދެން އެވަރު ކުދިން އުޅޭހެން އުޅޭނީ. ކުދިކުދި ބަސް ކިޔާލާނެ. ހިނގާ ހަދާނެ. ދެ ކުދިން ނިންދަވައިފަ އޮއްވާ މަންމައަށް ވެސް ވަރުބަލިވެގެން ނިދި ޖެހިލީ." ޝުއައިބްގެ މަރާއެކު ހިތް ހަލާކުވެފައިވާ އަވައްޓެރިޔާ ބުންޏެވެ. ޝުއައިބްގެ ކުއްލިމަރާ އެކު އޮމަދޫ ވަނީ ހަމަ ހިމޭންވެފައެވެ. މޫނު ދެކެން އެތައް ބަޔަކު ޖަމާވިއިރު ކަރުނަ ނުހިލޭ އެންމެ ލޮލެއް ވެސް ނެތެވެ. އަދި މަންމަގެ ހާލަކީތޯއެވެ. "ގަބުވެފައި ބުދެއްހެން އިންނަނީ. އިނދެފައި ރޮވެ ގަނެވޭ. ހާލު ދެރަވެ ފަރުވާ ވެސް ދޭން ޖެހުނު" ޝުއައިބްގެ މަންމަގެ ހާލަތާ ބެހޭ ގޮތުން އާއިލާއާ ގާތް މީހަކު ބުންޏެވެ.

މިފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ކައުންސިލުން އިސްނަގައިގެން ފިޔަވަޅުތަކެއް!

ޝުއައިބްގެ މަރާއެކު އޮމަދޫގެ ހާލަތާ ބެހޭ ގޮތުން ރަށު ކައުންސިލްގެ ރައީސް އިބްރާހިމް އާދިލްއާ "ދެން" އިން ސުވާލުކޮށްލުމުން ވިދާޅުވީ އެހާދިސާއާ އެކު މުޅި އޮމަދޫއަށް ވެސް ލިބިފައި ވަނީ ފުން ހިތާމައެއް ކަމަށެވެ. "ހިނގައި ދިޔަ ހާދިސާއަކީ އޮމަދޫ ރައްޔިތުންނަށް ވެސް ލިބިގެން ދިޔަ ދެރައެއް ހިތާމައެއް. އަސްލު ހިތްދަތި ކަމެއް އާއިލާ ނޫނަސް ގާތްތިމާގެ ނޫނަސް އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދަނީ މާޔޫސީއާއި ހިތާމަ. ދެން ކައުންސިލުން މިހާތަނަށް ބެލި ބެލުމުން މައިންބަފައިންގެ އިހުމާލު އޮތް ކަމަކަށް ނުފެނޭ މިހާދިސާގައި. އެކަމަކު ކައުންސިލުން އެދެން ގޭތެރޭގައި މިފަދަ ކަންކަން ކުރާއިރު ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް" އާދިލް ވިދާޅުވިއެވެ. އާދިލް ވިދާޅުވީ މިފަދަ ހާދިސާތައް ތަކުރާރު ވިޔަ ނުދިނުމަށް ކައުންސިލުން އިސްނަގައިގެން ހަރަކާތްތަކެއް ހިންގުމަށް ނިންމައިފައިވާ ކަމަށެވެ. އެގޮތުން ގޭގޭގައި މި ގޮތަށް ކުޑަކުދިންނަށް ނުރައްކާ ވެދާނެ ފަދަ ގޮތްގޮތަށް ހުރި ތަންތަން ބަލައި ޗެކް ކުރުމުގެ މަސައްކަތް މިއަދު ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މިފަދަ ކަންކަން ކުރުމުގައި ރައްޔިތުން ހޭލުންތެރި ކުރުމަށް ހާއްސަ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އާދިލް ވިދާޅުވިއެވެ. "މިކަންކަމުގެ އިތުރަށް ކައުންސިލުން ސަރުކާރުގައި އެދެން ވަރަށް ބޮޑަށް މިފަދަ ކަންކަން ކުރުމުގައި ގަވާއިދެއް ސަރުކާރުން އެކުލަވައިލައި އާއްމުކުރުން. މިފަދަ ހާދިސާތައް ރާއްޖޭގައި ދޭތެރެ ދޭތެރެއިން ހިނގާއިރު މިއީ މުހިއްމު ގަވާއިދެއް އެކުލަވައިލައިފައި އޮތުން." އާދިލް ވިދާޅުވިއެވެ. ފަހުގެ ތާރީހަށް ބަލާލާއިރު ފާއިތުވި 2019. 2020 އަދި މި ހިނގާ 2021 ވަނަ އަހަރު ވެސް މިފަދަ ހާދިސާތަައް ހިނގާފައިވާއިރު މިއީ ވަރަށް މުހިންމު ގަވާއިދެއްކަމަށް ދެކޭކަމަށް އާދިލް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް