ޝަރުޢީ ދާއިރާ

ޝަރީއަތް ވަކި ގޮތަކަށް ގެންދިޔުމަށް އެއްވެސް ފަނޑިޔާރަކަށް ނުފޫޒު ނުފޯރުވަން: އަލީ ޒާހިރު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީނު ޢަބުދުލްޤައްޔޫމުގެ ޝަރީޢަތާ މެދު ހުރި ކަންބޮޑުވުންތައް ހިއްޞާކުރެއްވުމަށް ޕީޕީއެމްއާ ޕީއެންސީއަށް ނިންބަތްވާ ރައްޔިތުންގެ މަޖުލީހުގެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ޓީމާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު ބައްދަލުކުރައްވައި އެ ބޭފުޅުންގެ ކަންބޮޑުވުންތައް އަޑު އައްސަވައިފިއެވެ.

Ads by Sosun Fihaara

މި ބައްދަލުވުމުގައި މި ޓީމުގެ ފަރާތުން ހުރި މައިގަނޑު ކަންބޮޑުވުންތައް ހުށަހަޅުއްވައިފައި ވަނީ ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖުލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމެވެ.

މިހާރު މީޑިޔާގައި ފެތުރެމުންދާ އޯޑިޔޯތަކަށް އިޝާރާތް ކުރައްވައި އެއީ ރައީސް ޔާމީނުގެ ޝަރީޢަތް ހިންގެވި 3 ފަނޑިޔާރެއްގެ އޯޑިޔޯކަމަށާއި ރައީސުލްޖުމްހޫރިއްޔާއާ ސަރުކާރުން އަދި ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޝަރީޢަތަށް ނުފޫޒުފޯރުވާކަމަށް މި ޓީމުގެ ބޭފުޅުން ތުހުމަތު ކުރެއްވިއެވެ. އަދި އެފަދަ އޯޑިޔޯއެއް ފެތުރެމުންދާއިރު އެކަމަށް ސަރުކާރުން އެއްވެސް ޖަވާބެއް ނުދެނީ ކީއްވެތޯ ސުވާލު ކުރެއްވިއެވެ.

މީގެ އިތުރުން މެންބަރު ޝިޔާމު ވަނީ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރުގެ އޯޑިޔޯތައް ވެސް ހުރިކަމަށް ވިދާޅުވެ ޚާއްޞަކޮށް ރައީސް ޔާމީނުގެ ޝަރީޢަތަކަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތު ކުރައްވައިފައެވެ.

މި ތުހުމަތުތަކަށް ރައްދުދެއްވައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު ވިދާޅުވީ ފެތުރޭ އޯޑިޔޯތަކާ އަދި ކުރެއްވި ތުހުމަތުތަކަށް ސަރުކާރުން ރައްދެއް ދެއްވައި ވާހަކަދައްކަވައިފައި ނުވަނީ އެއީ އެއްވެސް އަޞްލެއް ނެތް ވާހަކަތަކަކަށް ވާތީކަމުގައެވެ. އަދި ފެތުރެމުންދާ އޯޑިޔޯތަކުގެ މައްސަލަ ބައްލަވައިދެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެދިވަޑައިގަންނަވައިފައިވާނެ ކަމަށާއި މި މައްސަލަ ބެލުމަށް ފުލުހުންގެ ކިބައިން ވެސް އެދިވަޑައިގަންނަވައިފައި ވާކަމަށް ޗީފް އޮފް ސްޓާފް ވިދާޅުވިއެވެ. އަދި ސަރުކާރުން، ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާއާއި ޗީފް އޮފް ސްޓާފް، ފަނޑިޔާރުންނަށް އަދި ވަކިން ޚާއްޞަކޮށް ރައީސް ޔާމީނުގެ ޝަރީޢަތަށް ނުފޫޒު ފޯރުވާކަމަށް ކުރެއްވި ތުހުމަތުތައް ޗީފް އޮފް ސްޓާފް ދޮގު ކުރެއްވިއެވެ.

މީގެ އިތުރުން ޗީފް އޮފް ސްޓާފްގެ އޯޑިޔޯ ހުރިކަމަށް ޝިޔާމް ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވައި ޢަލީ ޒާހިރު ވަނީ ޝަރީއަތް ވަކިގޮތަކަށް ގެންދިއުމަށް ނުވަތަ ފަނޑިޔާރަކަށް ނުފޫޒު ފޯރުވުމަށް ނަމަވެސް އެއްވެސް މުޢާމަލާތެއް ހިންގަވައިފައި ނުވާނެކަމުގެ ޔަޤީންކަން ދެއްވައި އެ ވިދާޅުވި ފަދަ އޯޑިޔޯއެއް އޮތް ނަމަ މީޑިޔާއަށް ހާމަކޮށްދެއްވުމަށް ވެސް އެދިވަޑައިގަންނަވައިފައެވެ.

ޝަރުޢީ ނިޒާމަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވައި ޢަލީ ޒާހިރު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބައެއް ޙުކުމްތައް ލިޔާކަމުގެ އަޑުތައް ފެތުރިގެން ގޮސްފައި ވާކަމަށާއި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަކީ މިނިވަން މުވައްޞަސާތަކާއި ޖުޑިޝަރީ މިނިވަންކަމާ އެކު ކުރިޔަށް ގެންދިއުމަށް ފުރުޞަތުދީފައި އޮންނަ ސަރުކާރެއް ކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވި ފުރަތަމަ ދުވަހެކޭ އެއްގޮތަށް މިހާރު ވެސް ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ޖޭއެސްސީ އިސްލާޙުކޮށް މުޅި ޖުޑިޝަރީއަކީ ރައްޔިތުންގެ އިތުބާރު ލިބިފައި އޮންނަ ތަނަކަށް ހެއްދެވުންކަމުގައި ޗީފް އޮފް ސްޓާފް ފާހަގަކުރެއްވިއެވެ.

Ads by Ooredoo
  1. ސަންފަ

    ޢަލީ ޒާހިރުގެ ނުފޫޒެއް ނޫނޭ އަލީ ޒާހިރުއަށް އެންގި ކަމެއް ކުރީ ދޮއްތަ . ޓިޔަބައިގަނޑަށް ކޮންނުފޫޒެއް ފޮރުވޭނީ . ދޮގާ މަކަރާ ހީލަތެ ވާހަކަ އިމްރާނު ދައްކައިގެން ރައްޔިތުންގެ ސަޕޯރޓް އެމްޑީޕީއަށް ހޯދައިދީނީ . ހެކި ކަމުގައި ބުނެ ހަވީރު ނޫހުގެ ކަރުދާސްތަކެއް ދައްކައިގެން . އެވަރުގެ ގިތެއް ބެތް ބަޔެއް ތިޔައީ.