ޢަބްދުއްރަޙީމާއި އިލްހާމްއާ އަޅުގަނޑު ދުވަހަކު ވެސް ވާހަކަ ދައްކާފައި ނުވާނެ:ގާޒީ ހައިލަމް
އިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއާއި ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު ޖުމްހޫރީ ޕާޓީގެ އިލްހާމް އަހުމަދާ ދުވަހަކު ވެސް ވާހަކަ ދައްކައިފައި ނުވާނެ ކަމަށް ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ޤާޟީ އަޙުމަދު ޙައިލަމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައި މި ވަނީ ރައީސް ޔާމީންގެ ޝަރީޢަތަށް ނުފޫޒު ފޯރުވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް މަސައްކަތް ކުރެއްވިކަމަށް އިދިކޮޅުން ތުހުމަތު ކުރައްވައިފައިވާ ދަނޑިވަޅެއްގައެވެ.
ޤާޒީ ހައިލަމް ވިދާޅުވީ ޢަބްދުއްރަޙީމާއި އިލްހާމްއާ ދުވަހަކު ވެސް ވާހަކަ ދައްކާފައި ނުވާނެކަމަށާއި އެހެންކަމުން ބަޔަކު އޭނާއަށް ގުޅިކަމެއް ނުވަތަ ނުގުޅާކަމެއް އެނގޭނީ ކިހިނެތްތޯ އައްސަވައިފައެވެ.
"ޢަބްދުއްރަޙީމާއި އިލްހާމްއާ އަޅުގަނޑު ދުވަހަކު ވެސް ވާހަކަ ދައްކާފައި ނުވާއިރު އަޅުގަނޑަށް މީހަކު ގުޅިކަމަށް ނުވަތަ ނުގުޅާކަމަށް އެ ބޭފުޅުންނަށް ވިދާޅުވާން އެނގެނީ ކިހިނެއްތޯ؟" ހައިލަމްގެ ޓްވީޓްގައި ވިދާޅުވިއެވެ.
ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހުކުމް ކުރެއްވުމަށް އެމަނިކުފާނުގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓްގެ އޭރުގެ އިސްގާޒީ އަހުމަދު ހައިލަމްއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގުޅުއްވި ކަމަށް ކުރާ ތުހުމަތު ޖުމްހޫރީ ޕާޓީން ވަނީ ދޮގުކޮށްފައެވެ.
މި ވާހަކަތަކާ ގުޅިގެން އިލްހާމް ވިދާޅުވީ ޤާސިމަކީ އެއްވެސް މީހެއްގެ ޝަރީއަތަށް އަތް ބާނައި، ވަކި ގޮތަކަށް ހުކުމް ކުރެއްވުމަށް ބާރު އަޅުއްވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ރައީސް ޔާމީނަށް ހުކުމް ކުރުމަށް ޤާޟީ ހައިލަމަށް ވެސް އަދި އެހެން ބޭފުޅަކަށް ވެސް ގުޅުއްވާފައި ނުވާނެކަމަށެވެ. އެކަން އިތުރަށް ބަލަން ބޭނުން ނަމަ، ތަހުގޤީޤް އިދާރާތަކުން އެކަން ކުރެއްވުމަށް އިލްހާމް ވަނީ ގޮވައިލައިފައެވެ.