ރިޕޯޓް

ހަމަލާއަށް 4 މަހަށް ފަހު ނަޝީދު ނޫސްވެރިންނާ ބައްދަލު ކުރައްވައިފި: ބޮޑު މައުޟޫ އަކީ ނިޒާމީ ވޯޓް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ރައްވެހިފަތިސް ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/އެމްޑީޕީ

މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަކީ މިހާތަނަށް ރާއްޖޭގައި ދެވުނު މިފަދަ އެންމެ ނުރައްކާތެރި ހަމަލާއެވެ. މިހަމަލާއިން އެމަނިކުފާނު ސަލާމަތްވީ ހަނިގޮތަކަށް ކަމަށާއި އެކަމަށް ޓަކައި މާތް ރަސްކަލާންގެއަށް ޝުކުރު ކުރައްވާ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ދަނީ ވިދާޅުވަމުންނެވެ.

Ads by STELCO

އެމަނިކުފާނަށް އަމާޒުކޮށްދިން ނުރައްކާތެރި ހަމަލާއަށް މާދަމާއަށް 4 މަސް ވާއިރު މިއަދު އެ މަނިކުފާނު މި ވަނީ ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައިފައެވެ. ނޫސްވެރިންގެ ގިނަ ސުވާލުތަކަށް މިއަދު އެމަނިކުފާނު ޖަވާބު ދެއްވިއެވެ. މިއަދުގެ ބޮޑު މައުލޫއަކަށް ވެފައިވަނީ ނިޒާމީ ވޯޓްގެ މައްސަލައެވެ.

މިއަދު ޔޫކޭގައި ހުންނަވާ އޮންލައިންކޮށް ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޖުމްހޫރީ ޕާޓީ ފިޔަވާ ކޯލިޝަންގެ ދެން ހުރި ޕާޓީތަކުން ބަރުލަމާނީ ނިޒާމަކަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެއްބަސްވި ކަމަށެވެ.

"އެހެން ނަމަވެސް އެހެން ޕާޓީތަކުގެ މަޝްވަރާއޭ އެކު، އަދި އެހެން ޕާޓީތަކުގެ ތާއީދާއެކު އަޅުގަނޑުމެންގެ ކެނޑިޑޭޓް ވާދަ ކުރުމަށް ޓަކައި ޕާޓީތަކުން އެދުނު ގޮތްތައް އަޅުގަނޑުމެން މެނިފެސްޓޯއާ އެއްބަސްވީ. ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީ ފިޔަވައި އަދާލަތު ޕާޓީއާ ރައީސް މައުމޫންގެ އެމްއާރްއެމްއިން ވަނީ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެއިރު އެއްބަސްވެ ވަޑައިގެންފައި" ރައީސް ނަޝީދު ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމެއް ގެނައުމަށް ފެންނަ ނުފެންނަ ވޯޓެއް ގެނައުމަށް ހަމަޔަގީނުން ވެސް ރައީސް ޞާލިޙް ހިމެނި ވަޑައިގަންނަވާހެން އެމްޑީޕީގެ އެއްވެސް އިންކާރު ކުރުމެއް އެކަމަށް ނެތް ކަމަށް ވެސް ރައީސް ނަޝީދު ވަނީ މިއަދު ވިދާޅުވެފައެވެ.

"އިރާދަކުރެއްވިއްޔާ އަންނަ އަހަރު އަޅުގަނޑުމެންނަށް ފެންނަ ނުފެންނަ ވޯޓް ނެގޭނެ" ނިޒާމީ ވޯޓާ ބެހޭ ގޮތުން އެމަނިކުފާނު މިއަދު ވިދާޅުވިއެވެ.

މީގެ އިތުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވި އަނެއް ވާހަކައަކީ ޕްރައިމަރީގެ ވާހަކައެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވީ އެއްވެސް ޕްރައިމަރީއަކުން އެމަނިކުފާނު ބަލި ނުވާނެ ކަމަށެވެ.

"އިރާދަކުރެއްވިޔާ އަޅުގަނޑު ބައްޔެއް ނުވާނެ. އަޅުގަނޑަކީ ގަދަވުމަށް އިންތިޚާބުތަކުގައި ވާދަކުރާ މީހެއް" ރައީސް ޞާލިޙަށް ޕްރައިމަރީއިން ކާމިޔާބު ކުރެއްވުމުން އެމަނިކުފާނަށް ތާއީދު ކުރައްވާނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ވާދަކޮށްފިނަމަ ބަލި ނުވާނެ ކަމަށާއި ބަލިވެއްޖެ ނަމަ ދެން ވާނެ ކަމަކީ ސުވާލު އުފެދޭ ކަމެއް ނޫން ކަމަށެވެ. އަދި އެމްޑީޕީގައި ޕްރައިމަރީއަކާ ނުލާ ޓިކެޓް ދިނުމުގެ އުސޫލެއް އެއްވެސް އިރެއްގައި ނޯންނަ ކަމަށާއި މިއަންނަ ރިޔާސީ އިންތިޚާބުގަ އިވެސް ޕްރައިމަރީއެއް އޮންނާނެ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަކީ ގިނަ ނޫސްވެެރިން އިންތިޒާރުކޮށްގެން ތިބި ނޫސްވެރިންގެ ބައްދަލުވުމަކަށް ވުމުން ރައީސް ނަޝީދަށް ވަނީ މިއަދުގެ ސިޔާސީ މަޝްރަހާ ބެހޭ ގޮތުން ގިނަ ސުވާލުތަކެއް ކުރިމަތި ކޮށްފައެވެ. މިގޮތުން ބަލާލާއިރު ރައީސް ޔާމީނުގެ ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެކި ފަރާތްތަކަށް ދިއްކުރަމުންދާ ތުހުމަތުގެ އިނގިލިތަކާ ބެހޭގޮތުން ވެސް ރައީސް ނަޝީދަށް ނޫސްވެރިން ވަނީ ސުވާލު ކުރިމަތި ކޮށްފައެވެ.

"އެމްޑީޕީގެ އެއްވެސް މެންބަރަކު ފަނޑިޔާރަކާ ގުޅުއްވާ ނޫޅުއްވާނެ. ދެން އެހެން ޕާޓީތަކުގެ މެންބަރުންނަކީ ފަނޑިޔާރުންނާ ގުޅުއްވައިގެން އެކި ބާވަތް ބާވަތުގެ ވާހަކަ ދައްކާ. އެއީ އެ ބޭފުޅުންނަށް ޤަބޫލު ކުރެވޭ ނިޒާމެއް ކަމަށް ވެދާނެ. އެއަކީއެއް އަޅުގަނޑު ކުޑަކޮށް ވެސް ޤަބޫލު ކުރާ ނިޒާމެއް ނޫން. އަޅުގަނޑު އަބަދުވެސް ތާއީދު ކުރާނީ އެމްޑީޕީގެ މެންބަރުންނަށް" ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަށް އަމާޒުކޮށް މެއި މަހުގެ 6 ވަނަދުވަހު ދިން ނުރައްކާތެރި ހަމަލައިގައި ސަރުކާރުގެ އެއްވެސް ވަރެއްގެ ހިއްސާއެއް އޮތްކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. އަދި މިހަމަލާގެ ކަންކަން އިންސާފުވެރިކަމާ އެކު ބެއްލެވުމަށް ރައީސް ޞާލިހާއި ސަރުކާރުގެ މުއައްސަސާތަކުން ވަރަށް ފާރަވެރިކަމާ އެކު މަސައްކަތް ކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެމަނިކުފާނު އުންމީދު ކުރީ މި މަސް ނިމޭއިރު ރާއްޖެ ވަޑައިގަތުމަށް ކަމަށެވެ. އަދި ރާއްޖެއަށް އެނބުރި ވަޑައިގަތުމުގައި ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް ބަލަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ރާއްޖެ އެނބުރި ވަޑައިގަންނަވާނެ ވަކި ތާރީހެއް އެމަނިކުފާނު ވިދާޅުވެފައި ނުވި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގަންނަވާނީ “މާލޭގައި ހުންނަވައި އެކުގައި ސައިފޮދު ހިއްޕަވައި ހީ ސަމާސާ ކުރައްވަން” ކަމަށާއި ރާއްޖެ ވަޑައިނުގަނެވޭތީ އެކަމާ ހިތާމަ ކުރައްވާ  ކަމަށާއި، އަބަދުވެސް ބޭނުން ވަނީ ރާއްޖޭގައި ހުންނަވަން ކަމަށް ނަޝީދު ވިދާޅުވިއެވެ.

މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި 10 މީހުންގެ ތެރެއިން ދައުވާ ކޮށްފައި ވަނީ ހަތަރު މީހަކަށެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމްގެ މައްޗަށެވެ.

  1. ޖާނޭ

    ސާބަހޭ ވެރިކަމެއް ބޭނުމެއް ނޫނޯ! އެންމެ ލެޕްޓޮޕަކުން ރާޢޤޛޭ ހިންގާނަމޯ. ރީތި ގޮޑި ސެޓެއް ބޭނުމެއް ނޫނޯ. ލައިލާ (ރޭގަނޑެއް ބޭނުމެއް ނޫނޯ! ބޭނުމީ އެންމެ 2 ކަމެކޭ- އައީ ވެރިކަމާއި ހިސާން). މި2 ކަން ފުރިަހަމަވީމާ ހުރިހާ ކަމެއް ފުދުނީޔޯ! އެކަމަކު ފިނޑި މީހެއް. މުޒާހަރާ ކުރަން ފެށިމާ ވެރިކަން ދޫކޮއްލީ. އެންމެ ޙަމަލާ އެއް އެރީމާ ރާއްޖެ ދޫކޮށްލި ގޮތަށް އަންނަން ނުކެރިފަ. އެކަމަކު މައުމޫނާއި ޔާމީނަށްވެސް ޙަމަލާ ދިން. އެބޭފުޅުންނެއް ތިޔަ އުޅުއްވާ އައްޗި ކޮށް ނޫޅުއްވާ.