މާލޭ ސަރަހައްދުން ގޯތި ދޭން ސަރުކާރުންވީ ވައުދު ފުއްދައި ނުދޭ މައްސަލަ މަޖިލީހަށް!
މިސަރުކާރުގެ ރިޔާސީ ވައުދެއްކަމުގައިވާ ދިރިނޫޅެވޭ ވަރުގެ ތަންތަނުގައި އުޅޭ މީހުންނަށް މާލޭ ސަރަހައްދުން ގޯތި ދިނުމުގެ ވައުދު ފުއްދައިނުދޭތީ އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް، އެމަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ހުށައަޅުއްވައިފިއެވެ.
ބޯހިޔާވަހި ކަމުގެ ވައުދަކީ މިސަރުކާރުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދުކަމަށްވާއިރު މިވައުދުގެ ދަށުން ދިރިނޫޅެވޭ ވަރުގެ ކުދި ބިންތަކުގައާއި ކުދިކުދި ފްލެޓުތަކުގައި އުޅޭ މީހުންނަށް އެ މީހުން އިޚްތިޔާރުކުރާ އެހެން ތަނަކުން ގޯއްޗެއް ދިނުމަށް ވަނީ މި ސަރުކާރުން ވައުދުވެފައެވެ.
މަޖިލީހަށް ބޮންޑޭ ހުށައަޅުއްވައިފައިވާ މައްސަލައިގައި ބޮންޑޭ ވަނީ ބޯހިޔާވަހި ކަމުގެ މިވައުދަކީ ރިޔާސީ މެނިފެސްޓޯގައި ވެސް ހިމަނައިފައިވާކަމެއް ކަމަށާއި އެހެންކަމުން ރައްޔިތުންނަށް ވެވަޑައިގެންނެވި އެ ވައުދު ލަސްނުކޮށް ފުއްދައި ދިނުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ވަނީ ގޮވައިލައްވައިފައެވެ.
އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުންތައް ބޮޑުވެ ޕާޓީ ދެބަޔަކަށް ބެހިފައިވާއިރު ބޮންޑޭ ފެނިގެންދަނީ އޭނާ ނިސްބަތްވާ ޕާޓީގެ ސަރުކާރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑުވިދާޅުވާ މެމްބަރެއްގެ ގޮތުގައެވެ. މިގޮތުން އޭނާ ވަނީ މަޖިލީހުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ އިސްތިއުފާއަށް ވެސް ގޮވައިލައިފައެވެ. މީގެ އިތުރުން ރައީސް ނަޝީދު ގެންނަވަން ބޭނުންފުޅުވާ ރިޔާސީ ނިޒާމުކަމުގައިވާ ބަރުލަމާނީ ނިޒާމް ގެނައުމަށް ވެސް އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއް މެމްބަރަކީ ވެސް ބޮންޑޭއެވެ.
ކަލޯކިންކަމެނިފުދިގެންތިބޮޑާހާކަނީ މިމީހިންނާދޭތެރޭ ގިޔާމަށްދުވަހު ވާނީނިހިނެއް