އައްޑޫ ކޮވިޑްގެ ހާލަތު: ބަލިމީހުން އެންމެ ގިނައީ މަރަދޫގައި
އައްޑޫ ސިޓީގައި ކޮވިޑް-19ގެ ވޭދަނަތައް އެންމެ ގިނައިން ފެނިފައި ވަނީ މަރަދޫއިން ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އެންމެފަހުގެ އަދާހަމަތަކުން ދައްކައިފިއެވެ.
އެ ހޮސްޕިޓަލުގެ އެންމެ ފަހުގެ އަދާ ހަމަތަކުން ދައްކާގޮތުގައި އަލަށް 39 މީހަކަށް ބަލި ޖެހިފައިވާއިރު އަލަށް ފައްސިވީ މީހުންގެ ތެރޭގައި އެންމެ ގިނަައީ ހިތަދޫއިން ފައްސިވިމީހުންނެވެ. މީގެ އިތުރުން ހުޅުދޫއިން 7 މީހަކާއި މީދޫން 7 މީހެއްގެ އިތުރުން މަރަދޫން 6 މީހަކާއި ފޭދޫން 5 މީހަކު އަދި މަރަދޫފޭދޫން އެކަކު ވަނީ އަލަށް ބައްޔަށް ފައްސިވެފައެވެ.
އެހޮސްޕިޓަލުގެ އަދާހަމަތައް ދައްކާގޮތުގައި އެ ސިޓީގައި މިވަގުތު އެންމެ ގިނަ ބަލި މީހުން ތިބީ މަރަދޫގައެވެ، އެއީ 144 މީހުންނެވެ. ދެވަނައަށް އެންމެ ގިނައިން ބަލިޖެހިފައިވާ މީހުން ތިބީ ހިތަދޫގައެވެ. އެ ރަށުގައި ބަލިޖެހިފައި ތިބި 91 މީހަކު މިހާރު ވެސް އެބަ ތިއްބެވެ. މީގެ އިތުރުން މީދޫގައި ބަލިޖެހިފައިވާ 29 މީހަކު ތިިބިއިރު ފޭދޫގައި މި ވަގުުތު ބަލިޖެހިފައި ތިބި މީހުންގެ ޖުމްލަ 22 މީހަކު އެބަތިއްބެވެ. އަދި ހަމައެހެންމެ ހުޅުދޫގައި 10 މީހުން ތިބި އިރު މަރަދޫފޭދޫގައި ވެސް ބަލިޖެހިފައިވާ 10 މީހުން ތިބިކަމަށް ހޮސްޕިޓަލުގެ އަދާހަމަތައް ދައްކައެވެެ. އަދި ގަމުގައި ބަލިޖެހިފައި ހުރި އެކަކު އެބަހުއްޓެވެ. އެ ސިޓީގައި މިވަގުތު ހަރަކާތްތެރި ވޭދަަނައިގެ ގޮތުގައި 307 ވޭދަނަ ވަނީ ރިޕޯޓްކޮށްފައެވެ.
އައްޑޫސިޓީން މިހައިތަނަށް ޖުމްލަ 1051 މީހަކަށް ކޮވިޑް-19 ޖެހިފައިވެއެވެ. މީގެ ތެރެއިން 741 މީހަކު ވަނީ މިހާރު ބަލިން ރަނގަޅުވެފައެވެ. އަދި މިބަލީގައި އެސިޓީން 3 މީހުން ވަނީ ނިޔާވެފައެވެ.