ފުވައްމުލަކު ހޮސްޕިޓަލުގައި ޕީސީއާރް ޓެސްޓު ނުހެދޭ މައްސަލަ މަޖިލީހަށް

ޏ. ފުވައްމުލަކު ސިޓީގައި ހޮސްޕިޓަލުގައި ކޮވިޑް ޕީސީއާރް ޓެސްޓު ނެހެދޭތީ އެ މައްސަލަ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރެވެ.
އެމަނިކުފާނު ހުށަހެޅުއްވި މި މައްސަލައިގައި ވިދާޅުވެފައި ވަނީ ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދީފައި އޮތް ނަމަވެސް އެތަނުގެ ރައްޔިތުން ސުންކު ނެގުމަށް ފަހު ކޮވިޑަށް ޓެސްޓުކުރަން ފޮނުވަން ޖެހެނީ އެހެން ސިޓީއަކަށް ކަމަށެވެ. އެފަދައިން ކަންތައް ކުރުމުގެ ސަބަބުން ނަތީޖާ ނުލިބި ދެ ތިން ދުވަސް މަޑުކުރަން ޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.
ޕީސީއާރު ޓެސްޓު ހެދެން ނެތުމުން ފުވައްމުލަކުގެ ރައްޔިތުންނަށް އެ ރަށަށް ދަތުރުކުރަން ދަތިވެ އިގްތިސާދީ އަދި މާލީގޮތުން އެރަށަށް އެތައް ގެއްލުމެއް ލިބެމުންދާ ކަން ވެސް މެންބަރު އާދަމް ޝަރީފު އުމަރު ހުށަހެޅުއްވި މި މައްސަލައިގައި ފާހަގަކުރައްވައިފައި ވެއެވެ. އެހެންކަމުން ފުވައްމުލަކުގައި ޕީސީއާރު ޓެސްޓް ނުހެދިގެން އުޅޭ ސަބަބާއި އެ ޓެސްޓުތައް ހެދޭނެ އިންތިޒާމްތައް ހަމަޖެހޭނެ ދުވަހެއް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލައި ކޮމިޓީއަށް ހުށަހަޅައިގެން ސާފުކޮށްދިނުމަށް ވެސް އާދަމް ޝަރީފު އުމަރު އެދިވަޑައިގެންފައިވެއެވެ.