ރައީސް ޔާމީން އަނބުރާ ޖަލަށް ގެންގޮސްފި ނަމަ ސަރުކާރަށް ނޭވާލިޔަ ވެސް ނުދޭނަން:ޝިޔާމް
ރަައީސް ޔާމީން އަނބުރާ ޖަލަށް ގެންގޮސްފި ނަމަ މި ސަރުކާރަށް ނޭވާލިޔަ ވެސް ނުދޭނެކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސްޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިއަދު ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށް ކަމަށާއި އެހެންކަމުން މައްސަލަ ބަލައި ފިޔަވަޅު އަޅާނެކަމަށް ކަރެކްޝަންސްއިން ބުނުމާ އެކު ޝިޔާމް ވިދާޅުވީ ރައީސް ޔާމީން އަބްދުލްގައްޔޫމް އަނބުރާ ޖަލަށް ގެންދިޔަ ނަމަވެސް އިދިކޮޅުގެ ހަރަކާތްތަކަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ، ރައީސް ޔާމީން ގޭބަންދު އިގުރާރާ ޚިލާފުވެވަޑައިނުގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނު ކަންކުރެއްވީ ހުދޫދުގެ ތެރެއިން ކަމަށާއި މިއަދުގެ އިހުތިޖާޖުގައި ރައީސް ޔާމިން ބައިވެރިވެވަޑައިގެންނެވިކަން ގަބޫލު ނުކުރައްވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީން ފެނިލެއްވުމަކީ ސަޕޯޓަރުންނަށް ލިބޭނެ ވަރަށް ހިތްވަރެއް ކަމަށާއި އެކަން ސަރުކާރު ހިންގާ އެމްޑީޕީއަށް ހަޖަމު ނުކުރެވުނީ ކަމަށާއި އަދި ކޮމިޝަނަރ އޮފް ޕްރިޒަންސް ކުރެއްވި ޓްވީޓަކީ ސަރުކާރުގެ ނުފޫޒުން މަޖުބޫރުކޮށްގެން ކުރި ޓްވީޓެއް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިއަދު ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށް ކަމަށާއި އެހެންކަމުން މައްސަލަ ބަލައި ފިޔަވަޅު އަޅާނެކަމަށެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް މިހެން ވިދާޅުވީ މި ވަގުތު ގޭ ބަންދުގައި ހުންނަވައިގެން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން، އިދިކޮޅުގެ ހަރަކާތުގެ ބައިވެރިންނަށް ފެނިލައި، ޤައުމީ ދިދައާއި ޕީޕީއެމްގެ ދިދަ ވިހުރުވައިލައްވައި އިހުތިޖާޖުގެ ބައިވެރިންނަށް ހިތްވަރު ދެއްވައިފައިވުމުގެ ސަބަބުންނެވެ.