މިދުވަސްކޮޅު މާބަނޑު ނުވުމަށް ލަންކާ ސަރުކާރުން އެދިއްޖެ
އަވައްޓެރި ޝްރީލަންކާގައި ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވުމާ ގުޅިގެން، މިދުވަސްކޮޅު މާބަނޑު ނުވުމަށް އެ ޤައުމުގެ އަންހެނުން ގާތު ލަންކާ ސަރުކާރުން އެދިއްޖެއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި ލަންކާ ސަރުކާރުން މިފަދައިން އެދިފައި މިވަނީ ބަލިވެއިން ގިނަ އަދަދެއްގެ އަންހެނުން، ކޮވިޑް ބަލީގައި ދާދި ފަހުން މަރުވުމާ ގުޅިގެންނެވެ.
ލަންކާގެ ހެލްތު މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ބުނީ، ފާއިތުވީ ހަތަރު މަސް ދުވަސް ތެރޭގައި އެ ޤައުމުން މާބަނޑު 41 އަންހެނަކު މި ބަލީގައި މަރުވެފައިވާ ކަމަށެވެ. އެކަމުން ދޭހަ ވަނީ، ކޮވިޑްގެ ރިސްކު މާބަނޑު މީހުންނަށް ވަރަށް ބޮޑު ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ލަންކާގައި މިހާރު ފެރުމުންދާ ކޮވިޑްގެ ޑެލްޓާ ވޭރިއަންޓްގައި އެ ޤައުމުން މާބަނޑު އަންހެނަކު ފުރަތަމަ މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުގައެވެ. އެ ޤައުމުގައި ކޮވިޑްގެ ހާލަތު ގޯސްވާން ފެށީ އޭޕްރިލް މަހުގެ މެދުތެރޭގައި ލަންކާގެ އެތެރޭގެ ދަތުރުތަކަށް ލުއި ދިނުމުން ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
އެވްރެޖް ގޮތެއްގައި ލަންކާއިން މަރުވަނީ އަހަރަކު 90-100އާ ދެމެދުގެ މާބަނޑު އަންހެނުން ކަމަށާއި ނަމަވެސް މި އަހަރުގެ މި ކުރު މުއްދަތުގެ ތެރޭގައި ހަމައެކަނި ކޮވިޑް ބަލިން ވެސް 41 މާބަނޑު އަންހެނުން މަރުވުމަކީ ވިސްނަން ޖެހޭ ކަމެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
އެހެންކަމުން އެ ޤައުމުގެ ސަރުކާރުން އެދިފައި ވަނީ އަލަށް ކައިވެނި ކުރާ މީހުންނާއި ދަރިއަކު ހޯދަން މަސައްކަތް ކުރާ މީހުން ވެސް، މާބަނޑުވުމާ ދުވަސްކޮޅަކަށް ދުރުވުމަށެވެ.