އޯޑިއޯތަކުގެ އަސްލު ދެނެގަތުމަށް މިނިވަން ތަހުގީގެއް ކޮށްދިނުމަށް އެދިއްޖެ
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކޮށްފައިވާ ހުކުމާ ގުޅޭ ގޮތުން ލީކުވެގެން އުޅޭ އޯޑިއޯތަކުގެ އަސްލު ދެނެގަތުމަށް ޓަކައި ފޮރެންސިކް ތަހުލީލަކާ އެކު މިނިވަން ތަޙުޤޤީޤެއް ކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސެއިން ޝަމީމްއަށް، އިދިކޮޅު ޕީޕީއެމްގެ ފަރާތުން ސިޓީއެއް ފޮނުވައިފިއެވެ.
އެ ސިޓީގައި ބުނެފައި ވަނީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ޕީޕީއެމްގެ ރައީސް ، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ، އެ މައްސަލައިގައި ހުކުމް ކުރި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ކުރި ހުކުމެއް ކަމަށެވެ.
ހުކުމާ ބެހޭ ގޮތުން އިދިކޮޅު ކޯލިޝަނުންނާއި ދިވެހި ބައެއް ރައްޔިތުން ވެސް އެފަދައިން ބުނަމުން ދިޔައިރު، މިކަމާ ގުޅިގެން ދާދި ފަހުން ލީކްވި އޯޑިއޯ ތަކަކުން ވެސް މި މައްސަލައިގައި ހުކުމް ކުރި 3 ފަނޑިޔާރަކު ވަނީ ރައީސް ޔާމީންގެ މައްޗަށް ޙައްޤު ނޫން ހުކުމެއް ކޮށްފައިކަން ހާމަވާ ކަމަށާއި އެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ރަހީނު ކުރުމުގެ ބިރު ދެއްކިކަން ވެސް ހާމަވާ ކަމަށް އެ ސިޓީގައި ބަޔާން ކޮށްފައިވެއެވެ.
އެހެންކަމުން އިދިކޮޅު ކޯލިޝަންގެ ފަރާތުން އެ ޕާޓީ ހިންގުމައި މިވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ސޮއި ކުރައްވާ ފޮނުއްވި ސިޓީގައި ޕީޖީ ޝަމީމް އަރިހުން އެދިފައި ވަނީ ލީކް ވެގެން އުޅޭ އޯޑިއޯތަކުގެ އަސްލު ދެނެގަތުމަށް ޓަކައި ފޮރެންސިކް ތަހުލީލަކާ އެކު މިނިވަން ތަޙުޤޤީޤެއް ކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދިނުމަށެވެ.