ޚަބަރު ސިޔާސީ

އެމްއާރުއެމްގެ ރައީސް ކަމަށް ފާރިޝް މައުމޫން ކުރިމަތި ލައްވައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މޯލްޑިވްސް ރިޕޯމް މޫވްމެންޓް (އެމްއާރއެމް)ގެ ރައީސް ކަމަށް އެ ޕާޓީގެ ބާނީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިޝް މައުމޫން ކުރިމަތިލައްވައިފިއެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވައިފައިވާ ފާރިޝް އެމްއާރއެމްގެ ރައީސް ކަމަށް ކުރިމަތި ލައްވައި ފޯމު ހުށައެޅުއްވީ ރޭގެ ވަގުތެއްގައެވެ.

އެމްއާރްއެމްގެ ރައީސްކަމަށް ފާރިޝް ކުރިމަތި ލައްވައިފައިވާއިރު އެޕާޓީގެ ޒައީމް ކަމަށް ފާރިޝްގެ ބައްޕާފުޅު އަދި އެ ޕާޓީގެ ވަގުތީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ކުރިމަތި ލައްވައިފައެވެ.

އެމްއާރުއެމްގެ ޒައީމުގެ މަޤާމާއި ޕާޓީގެ ރައީސާއި ނައިބު ރައީސް އަދި އެ ނޫން ވެސް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ މި މަހުގެ 9 ވަނަ ދުވަހުއެވެ. މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދަށް ހަމަވާނެއެވެ.

އެމްއާރުއެމްގެ އެތެރޭގެ އިންތިހާބު އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 2ގައި ބާއްވާ އެ ޕާޓީގެ ފުރަތަމަ ނެޝަނަލް ކޮންވެންޝަނުގައެވެ. އެ ކޮންވެންޝަންގައި ޕާޓީގެ ޒައީމާއި ރައީސްގެ އިތުރުން ދެ ނައިބު ރައީސުން އިންތިހާބު ކުރާނެއެވެ. އަދި އެގްޒެކެޓިވް ކޮމިޓީއާއި ޒުވާނުންގެ ކައުންސިލާއި އަންހެނުންގެ ކައުންސިލަށް ރައީސުންނާއި ނައިބު ރައީސުންނާއި މެންބަރުން ހޮވާނެއެވެ.

މި މަގާމުތަކުގެ އިތުރުން އެ ކޮންވެންޝަންގައި އެމްއާރްއެމްގެ އިންތިހާބު ކޮމިޓީއާއި ސުލޫކީ ކޮމިޓީއާއި އިސްތިއުނާފު ކޮމިޓީއަށް 15 މެންބަރުން ވެސް ހޮވާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!