ޚަބަރު ސަރުކާރު

ރައީސުލްޖުމްހޫރިއްޔާ، އދ.ގެ ޢާންމު މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ޙަވާސާގައި އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާ ބައްދަލުރައްވައިފިއެވެ.

Ads by MWSC

މި ބައްދަލުކުރެއްވުން ބާއްވައިފައި ވަނީ ނިއުޔޯކް ސިޓީގައި ހުންނަ އ.ދ. ގެ މައި މަރުކަޒުގައެވެ.

ރައީސުލްޖުމްހުރިއްޔާ ވަނީ ޢަބްދުﷲ ޝާހިދު އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެ، އެމަނިކުފާނުގެ އުންމީދީ ރިޔާސަތުގައިވާ "ފައިވް ރޭސް އޮފް ހޯޕް"ގެ ކަންކަން ހާސިލުކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. މިގޮތުން، އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ވަނީ، 2022 ވަނަ އަހަރުގެ ޑިސެންބަރުގެ ނިޔަލަށް މުޅި ދުނިޔޭގެ އާބާދީއަށް ކޮވިޑް-19އިން ދިފާޢުވުމަށް ވެކްސިން ޖަހައި ނިންމުމަށް އަމާޒު ހިފައިފައިވާ ކަމަށާއި، ތިމާވެއްޓަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް އިސްކަންދެއްވާނެކަމުގައި ވިދާޅުވެފައެވެ.

ޢަބްދުﷲ ޝާހިދު ވަނީ އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ވަނީ އެމަނިކުފާނު އެ މަޤާމަށް ކުރިމަތިލުމާ ހަމައިން ފެށިގެން ވެސް އެ މަނިކުފާނަށް ކުރެއްވި އިތުބާރާއި ދެއްވި އެއްބާރުލެއްވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވައިފައެވެ. އަދި، ދިވެހި ދަރިޔަކަށްވެ އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނެވުމަށް ފުރުޞަތު ލިބުމަކީ އެމަނިކުފާނަށް ލިބުނު ޝަރަފެއްކަމަށާއި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާ ވަނީ ބޭރު ޤައުމުތަކާއެކު މިހާރު އޮންނަ ގުޅުންތައް ދެމެހެއްޓުމާ އެކު އާ ގުޅުންތައް ޤާއިމު ކުރުމަށްކަމުގައި ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ޢަބްދުﷲ ޝާހިދު ވިދާޅުވިގޮތުގައި އ.ދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްގެ މަޤާމު އެމަނިކުފާނަށް ކާމިޔާބުކުރެއްވުމުން ރަމްޒުކޮށްދެނީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބަލައިގަނެފައިވާކަމެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޢަބްދުﷲ ޝާހިދު ރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމުގައި ހޯއްދަވައިފައިވާ ކާމިޔާބީ ފާހަގަކުރައްވައި ޝުކުރުއަދާކުރައްވައިފައެވެ. އަދި، ޢަބްދުﷲ ޝާހިދު ވަނީ މި ކާމިޔާބީގެ ފަހަތުގައި ރާއްޖޭގެ ޚާރިޖިއްޔާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ޤާބިލްކަމާއި ފަންނުވެރިކަން މުހިންމު ދައުރެއް އަދާކުރާކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވެސް ވަނީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެ އިޤްތިޞާދީ އަދި އިޖްތިމާޢީ ޙާލަތު ރަނގަޅުކުރުމުގައި ބޭނުންވާ ފަރާތްތަކަށް ހަމަހަމަކަމާ އެކު ވެކްސިން ލިބޭނެ މަގު ތަނަވަސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން ވެސް ޢަބްދުﷲ ޝާހިދު ވަނީ މިންތީގެ ހަމަހަމަކަމަކީ އެމަނިކުފާނުގެ ރިޔާސަތުގައި އިސްކަންދެއްވާނެ ދާއިރާއެއްކަން ފާހަގަ ކުރައްވައި، ރާއްޖޭގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނަންގަވައިފައިވާ މުހިންމު ފިޔަވަޅުތަކާގުޅޭ ގޮތުން ވާހަކަފުޅުދައްކަވައިފައެވެ. މިގޮތުން ރާއްޖޭގެ ސަފީރުންގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުންކަން ޢަބްދުﷲ ޝާހިދު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ޢަބްދުﷲ ޝާހިދަށް ދަޢުވަތު ދެއްވައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!