ފެނެއް ބޭނުންކޮށްގެން މުޅި ދުނިޔެއިން ކޮވިޑް ފޮހެލާނެކަމަށް ބުނި މީހާ ކޮވިޑް ޖެހިގެން މަރުވެއްޖެ
ޚާއްސަ ފެނެއް ބޭނުންކޮށްގެން މުޅި ދުނިޔެއިން ކޮވިޑް-19 ވަބާ ފޮހެލެވޭނެ ކަަމަށް ބުނި ސްލީ ލަންކާގެ ސިހުރު ހަދާ މީހާ ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.
ލަންކާގެ ނޫސްތަކުން އޭނާގެ އާއިލާއާ ހަވާލާދީ ބުނެފައި ވަނީ އޭނާ މަރުވެފައި ވަނީ އިއްޔެގެ ވަގުތެއްގައި ކޮވިޑް-19އާ ހަނގުރާމަ ކުރަމުންދަނިކޮށް ކަމަށެވެ.
އުމުރުން 48 އަހަރުގެ އެލިޔަންތާ ވައިޓްގެ ވާހަކަ އެންމެ ފުރަތަމަ ނޫސްތަކުން ޖާގަ ހޯދައިފައި ވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އޭރު އޭނާ ބުނެފައި ވަނީ އޭނާ ގެންގުޅޭ ޚާއްސަ ފެނެއް ލަންކާ އަދި އިންޑިއާގެ ކޯރުތަކަށް އަޅައިގެން ކޮވިޑް-19ގެ ބަލިމަޑުކަން ނައްތައިލާނެ ކަމަށެވެ. އަދި ކޮވިޑް-19 ފަރުވާ ކަމަށް ބުނެ އޭރު އޭނާ ފެނެއް ވިއްކިއެވެ. އޭރު ލަންކާގެ ހެލްތް މިނިސްޓަރު ކަމުގައި ހުންނެވި ޕަވިތާ ވަންނިތާ ވަނީ އެ ފެން އެންޑޯޒްކޮށްފައެވެ. މިނިސްޓަރ ޕަވިތާ އެ ބުނާ ބުއިމެއް ބުއިއިރު، އޭގެ ދެ މަސްފަހުން އޭނާއަށް ވެސް ވަނީ ކޮވިޑް ޖެހިފައެވެ. އޭގެ ފަހުން ކޮވިޑް-19 މެނޭޖް ނުކުރެވެމުން ޕަވިތާ ވަނީ މިނިސްޓަރު ކަމުން ދުރުކޮށްފައެވެ.
އާއިލާއިން ނޫސްތަކަށް މައުލޫމާތު ދިން ގޮތުގައި އެލިޔަންތާ ވައިޓް ވެކްސިން ޖެހުމަށް ދެކޮޅު ހަދާ، އާއިލާ މީހުން ކައިރީގައި ވެސް ވެކްސިން ނުޖެހުމަށް ވަނީ ބުނެފައެވެ. އަދި އޭނާ ގެންގުޅޭ ފެން ބޭނުން ކުރުމުން ވެކްސިނަށް ވުރެ ބޮޑު ބާރެއް ބައްޔާ ދެކޮޅަށް ލިބޭނެ ކަމަށް ބުނެފައިވާ ކަމަށް އާއިލާއިން ބުންޏެވެ.
އެލިޔަންތާ ވައިޓަކީ މީގެ ކުރިން ވެސް ލަންކާގައި ވަރަށް މަޝްހޫރު މީހެކެވެ. މިގޮތުން ޝިރުކު ކުރާ ގިނަ އަދަދެއްގެ ކުޅުންތެރިން މީނާ ކައިރިއަށް ފަރުވާ ކުރުމަށް ދެއެވެ. މީގެ ތެރޭގައި އިންޑިއާގެ ކްރިކެޓް ޓީމްގެ މަޝްހޫރު ކުޅުންތެރިއެއް ކަމަށްވާ ސަޗިން ވެސް ހިމެނެއެވެ.
އެލިޔަންތާ ވައިޓްގެ މަރާ އެކު ލަންކާގައި ކޮވިޑް-19 ވެކްސިން ޖަހާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.
ލަންކާއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން ޖުމްލަ 12،000 މީހުން ވަނީ މަރުވެފައެވެ.