ރައްޔިތުންގެ މަޖިލިސް

"ހިޔާ"ގެ ކުލީގެ މައްސަލައިގައި ޕެޓިޝަން ކޮމިޓީން ރައީސްއާ ބައްދަލު ކުރަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފުލެޓުތަކުގެ ކުލީގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށައަޅައިފައިވާ ޕެޓިޝަނާ ގުޅިގެން އެކޮމިޓީން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްއާ ބައްދަލު ކުރުމަށް ނިންމައިފިއެވެ.

Ads by MWSC

އެކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމަށް ފަހު ކޮމިޓީގެ މުގައްރިރު ވިދާޅުވީ ހިޔާ ފްލެޓްގެ ވެރިން ހުށަހަޅައިފައިވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތައް ހާޒިކޮށް ސުވާލު ކޮށްފައިވާނެ ކަމަށާއި މިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ އެކު ރައީސްއާ އަންނަ ހަފްތާ ބައްދަލު ކުރުމަށް ނިންމައިފައިވާ ކަމަށެވެ.

ފްލެޓްތައް ލިބުނު 2،177 މީހެއްގެ ސޮޔާ އެކު ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފައިވާ މި ޕެޓިޝަންގައި ހިޔާ ފްލެޓްތަކުގެ މަހު ކުލި 5،600ރއަށް ކުޑަކޮށްދިނުމަށާއި އިންޓީރިއާ ފިނިޝިންއަށް ހޭދަވާ ގްރޭސް ޕީރިއަޑް 12 މަހަށް އިތުރުކޮށްދިނުމަށް ވަނީ އެދިފައެވެ.

މި ޕެޓިޝަން މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހު އެންމެ ފުރަތަމަ ހުށަހެޅީ ރައީސް އޮފީހަށާއި ހައުސިން މިނިސްޓްރީއާއި އެޗްޑީސީއަށެވެ. ނަމަވެސް، އެއްވެސް ހައްލެއް ލިބިފައި ނުވާތީ މަޖިލީހަށް ހުށަހެޅުމަށް ނިންމީ ކަމަށް ޕެޓިޝަން ހުށަހެޅި ހިޔާ ފްލެޓް ލިބުނު މީހުންގެ ހައްގުގައި މަސައްކަތް ކުރާ ހިޔާ ޔޫނިއަނުން ވިދާޅުވެފައިވެއެވެ.

އެ ޔޫނިއަނުން ބުނެފައި ވަނީ މިމައްސަލައަކީ 25،000އަށް ވުރެ ގިނަ ރައްޔިތުންނާ ސީދާކޮށް ގުޅިފައިވާ މައްސަލައަކަށް ވާތީ މައްސަލައަށް ހައްލެއް ލިބުމަށް އެދޭ ކަަމަށެވެ. އަދި ސަރުކާރާއި މަޖިލިސް ގުޅިގެން ކުރެވޭ މަސައްކަތްތަކުން ހާސިލް ނުކުރެވޭނޭ އެއްވެސް ކަމަކަށް ޔޫނިއަނުން އެދިފައި ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ސާވިސް ފީ ހިމެނޭ ގޮތަށް މަހު ކުލީގެ ގޮތުގައި މިހާރު 8،500 ރުފިޔާ ހިޔާގެ ފްލެޓަކަށް ދައްކަން ޖެހެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!