ހޯމަ ދުވަހުން ފެށިގެން ބޫސްޓާ ޝޮޓް ޖަހަން ފަށަނީ
ކޮވިޑް-19 ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ ފަރާތްތަކާއި އިސްސަފުގައި މަސައްކަތްކުރައްވާ ސިއްޙީ ޚިދުމަތްތެރިންނަށް ޖަހާ ބޫސްޓަރ ޝޮޓް އަންނަ ހޯމަ ދުވަހު ޖަހަން ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭއިން ވިދާޅުވީ އަންނަ ހޯމަ ދުވަހުން ފެށިގެން ބޫސްޓަރ ޝޮޓް ޖަހަން ޝަރުތު ހަމަވާ ފަރާތްތަކަށް ހެނދުނު 9:00އިން މެންދުރު 2:00 އަށް އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލެ ހޮސްޕިޓަލުން، އަދި ހެނދުނު 10:00އިން މެންދުރު 12:00އަށް ފައިޒާގެ ބޫސްޓާ ޝޮޓް ޖަހައިދޭނެ ކަމަށެވެ.
ބޫސްޓާ ޝޮޓަށް ޝަރުތު ހަމަވާ ފަރާތްތަކުން، book.hpa.gov.mvއިން އެޕޮއިންޓްމެންޓް ހެދޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ބޫސްޓާ ޝޮޓް ޖަހަން ހަމަޖެހިފައިވާ ފަރާތްތައް
- ފްރަންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން
- 60 އަހަރުން މަތީގެ މީހުން
- ދިފާއީ ނިޒާމް ބަލިކަށި މީހުން
ދިފާއީ ނިޒާމް ބަލިކަށި މީހުންގެ ގޮތުގައި ހިމެނޭ ފަރާތްތައް
- ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ ފަރާތްތައް
- ދިފާއީ ބާރު ބަލިކަށިވާ ފަދަ ބޭސްތައް ބޭނުންކުރާ ފަރާތްތައް
- ދިގު މުއްދަތަކަށް ސްޓިރޮއިޑް ބޭނުންކުރާ ފަރާތްތައް
- ގަވާއިދުން ޑައަލިސިސް ހަދާ ފަރާތްތައް
- ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ، ނުވަތަ ފަރުވާ ހޯދުމަށް ފަހު އަހަރެއް ނުވާ ފަރާތްތައް
- އޮކްސިޖަން ތެރަޕީގެ ފަރުވާ ހޯދަމުންދާ ނުވަތަ ފަރުވާ ހޯދަން ޑޮކްޓަރުން ލަފާ ދީފައިވާ ފަރާތްތައް
- ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތައް
- ފުރަމޭގެ ބަލިތަކަށް ފަރުވާ ހޯދާފައިވާ ފަރާތްތައް
- ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުން ވެފަވާ ފަރާތްތައް
- އުމުރުން ދުވަސްވުމުން ނުވަތަ ބައްޔެއްގެ ސަބަބުން އެނދުމަތި ވެފަވާ ފަރާތްތައް
- ހިތުގެ ބަލިތަކަށް ފަރުވާ ކުރާ ފަރާތްތައް
އެޗްޕީއޭއިން ވިދާޅުވީ ބޫސްޓާ ޝޮޓްގެ ގޮތުގަ މިވަގުތު ޖަހަން ހަމަޖެހިފައި ވަނީ ފައިޒާ ވެކްސިން ކަމަށެވެ. އަދި ބޫސްޓާ ޝޮޓް ޖަހާނީ ވެކްސިން ފުރިހަމަ ކުރި ފަރާތްތަކުގެ ތެރެއިން ހަ މަސްދުވަސް ފުރިހަމަވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.
ވެކްސިންގެ މަޢުލޫޫމާތު ތަފްޞީލުކޮށް ޚަބަރުގައި ލިޔާތީ ޝުކުރިއްޔާ.